
-
ޕްލާސްޓިކް ކޮތަޅުން މިހާރު ނަގަމުންދާ ފީއަށް ބޮޑެތި ލުއިތަކެއް ދިނުމާއި، ރާއްޖެއަށް ބޭރުން ކުނި އެތެރެކުރުން އެއްކޮށް މަނާކުރުން ހިމެނޭހެން ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ޝިފާޒު ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. މި ބިލުގެ ސަބަބުން ކުނި މެނޭޖްކުރުމުގެ އުސޫލުތައް އިތުރަށް ހަރުދަނާވެ، އާންމު ރައްޔިތުންނަށް މާލީ ގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މި އިސްލާހީ ބިލުގައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ބާޒާރުން ވިޔަފާރިކުރާއިރު ލިބޭ ވަކިވަކި ކޮތަޅުގެ އިތުރުން، އާންމުކޮށް ގަންނަން ލިބޭ 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ "ކޮތަޅުބޮނޑިން" އިތުރަށް ދެ ރުފިޔާ ނެގުން އެއްކޮށް ހުއްޓާލުމަށް ހިމަނާފައިވުމެވެ. މި ބަދަލުގެ ސަބަބުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީއިން ދައުލަތަށް ލިބޭ ޖުމްލަ އާމްދަނީއަށް ކޮންމެވެސް ވަރެއްގެ ދަށްވުމެއް އަންނާނެ ކަމަށް ބެލެވުނު ނަމަވެސް، މިއީ ރައްޔިތުންގެ ޖީބުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ.
ބިލުގެ މައިގަނޑު މަޤްސަދަކީ ޤާނޫނު ތަންފީޒުކުރުމުގައި މިހާތަނަށް ދިމާވި ބޮޑެތި ދަތިތައް އިސްލާހުކޮށް، ކުނި މެނޭޖްކުރާ އިދާރާތަކުގެ ދައުރު ސާފުކޮށް ބަޔާންކުރުމެވެ.
މީގެ އިތުރުން، އިޤްތިޞާދީ އަދި ސިނާއީ ބޮޑެތި މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖްކުރުމުގެ ޚާއްސަ ސިޔާސަތުތަކެއް އެކުލަވާލުން ވެސް މި ބިލުގައި ވަނީ މަޖުބޫރުކޮށްފައެވެ. އަދި ކުނި މެނޭޖްކުރާ ހުރިހާ މަރުހަލާއެއްގައި ވެސް ސަރުކާރުގެ ޤައުމީ މާސްޓަރ ޕްލޭނާއި، އެ ސިޓީއަކުން ނުވަތަ ރަށަކުން އެކުލަވާލާ ކުނި މެނޭޖްކުރުމުގެ ޕްލޭނާ އެއްގޮތަށް ކަންކަން ބައްޓަންކުރަންޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
ހަމައެހެންމެ، ކުނި މެނޭޖްކުރުމުގެ މުޅި ނިޒާމް ފަރުމާކޮށް ގާއިމުކުރުމުގެ މިންގަނޑުތަކާއި، ކުނި އުކާލުމާއި ނައްތާލުމުގައި ބޭނުންކުރާ ވަސީލަތްތައް ހުންނަންޖެހޭ ސިއްހީ އަދި ތިމާވެށީގެ މިންގަނޑުތައް ކަނޑައެޅުން ވެސް ބިލުގައި ހިމަނާފައިވެއެވެ.
ގުޅުންހުރި

'ވިލުންވެށި' ޕްރޮގްރާމް ފަށައި، ހިރިޔާ ސްކޫލުގައި ފުރަތަމަ ބަގީޗާ ހުޅުވައިފި

ހޯލްސޭލް ކޮތަޅުބޮނޑިން ނަގާ 2 ރުފިޔާ ކަނޑާލަން މަޖިލީހަށް އިސްލާހެއް!

އެސްޕަޔަރ އާއި އެރައިޒްގެ ދަށުން 24 ރަށެއްގައި 50 މެގަވޮޓްގެ ފެހި ހަކަތަ އުފައްދާ ބިޔަ މަޝްރޫޢު ފަށަން ތައްޔާރުވެއްޖެ
.jpg&w=3840&q=75)



