
ކޫލް ސްކޫލް ޕްރޮޖެކްޓް ލަސްވަނީ ސްކޫލްތަކުގައި ކަރަންޓު ވިއުގަ ބާވެފައި ހުރުމުން: ޝަފީއު
# މިނިސްޓްރީ އޮފް އެޑިއުކޭޝަން# ކޫލް ސްކޫލް# ރައްޔިތުންގެ މަޖިލިސް# ޑރ. އިސްމާއިލް ޝަފީއުއެޑިއުކޭޝަން މިނިސްޓަރު ރައްޔިތުންގެ މަޖިލިސްގެ ތެރެއިން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އޭސީ ހަރުކުރުމުގެ ގޮތުން ސަރުކާރުން ފެށި "ކޫލް ސްކޫލް" މަޝްރޫއު ލަސްވަމުންދަނީ ބައެއް ސްކޫލްތަކުގެ ކަރަންޓު ވިއުގަ ބާވެފައި ހުރުމުގެ ސަބަބުން ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ކޫލް ސްކޫލް ޕްރޮޖެކްޓަކީ ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި މުދައްރިސުންނާއި ދަރިވަރުންގެ ފަރާތުން ހުށަހެޅި ވަރަށް ބޮޑު ރިކުއެސްޓަކަށް ބިނާކޮށް ފަށާފައިވާ މަސައްކަތެއް ކަމަށެވެ.
މީގެކުރިން ސްކޫލެއްގައި އޭސީއެއް ހަރުކުރުމަކީ ޕްރިންސިޕަލުންނަށް އަދަބު ލިބޭ ކަމެއްކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ހޫނުގަދަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށްކަމަށެވެ. އަދި ކްލާސް ރޫމްތަކަކީ ކިޔަވައިދިނުމަށް ހިތްފަސޭހަ ތަނަކަށް ހެދުންވެސް ހިމެނޭކަމަށް މިނިސްޓަރު ފާހަގަކުރެ އެވެ.
މިނިސްޓަރު ވިދާޅުވީ ޖުމްލަ 217 ސްކޫލެއްގައި މި މަސައްކަތް ފަށާފައިވާ ކަމަށާއި، މިއަދާ ހަމައަށް އޭގެ ތެރެއިން 61 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ހުރިހާ ސްކޫލްތަކަކަށް މިހާރު އޭސީތައް ފޮނުވައި ނިމިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން މި މަސައްކަތް ނިންމުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް ސްކޫލްތަކުގެ ކަރަންޓު ވިއުގަ ހުރި ގޮތްކަން ފާހަގަކުރައްވާ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، މިހާރު ކުރަމުންދާ މަސައްކަތްތަކަކީ ސްކޫލްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް، އޭސީތައް ހިންގޭ ފަދަ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.
"އަޅުގަނޑު ހިތުން ރާއްޖޭގެ ބައެއް ސްކޫލްތަކަކީ 45 އަހަރު 35 އަހަރު ވެފަ ހުރި ސްކޫލްތައް. ސިންގަލް ފޭސް ކަރަންޓް މިހުރީ،" ޑރ. އިސްމާއިލް ޝަފީއު ވިދާޅުވިއެވެ.
މިނިސްޓަރު ޝަފީއު އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދެވަނަ ޓާމުގެ ކިޔެވުން ފެށެންވާއިރަށް ހުރިހާ ސްކޫލެއްގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށެވެ. މި މަޝްރޫއު ނިމުމުން ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއްގެ ކްލާސްރޫމްތަކަކީ އޭސީ ކުރެވިފައިވާ ތަންތަނަށް ވެގެންދާނެ އެވެ.






