"މީސަލްސް އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން ޕްރޮގްރާމް" އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތެރެއިން- ފޮޓޯ: އެމްއެންޔޫ
ހިމަބިހިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުގެ ގޮތުން ފަށާފައިވާ ވެކްސިން ދިނުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 4400 އަށްވުރެ ގިނަ މީހުން ވެކްސިން ޖަހައިފި އެވެ.

މިއަހަރުގެ މެއި މަހުން ފެށިގެން މީސަލްސް ނުވަތަ ހިމަބިހީގެ އައުޓްބްރޭކަށް 72 މީހުން ޕޮޒިޓިވްވީއިރު، މި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އެމްއެންޔޫ އިން އިސްނަގައިގެން އިއްޔެ ވަނީ "މީސަލްސް އައުޓްބްރޭކް ރެސްޕޮންސް އިމިއުނައިޒޭޝަން" ޕްރޮގްރާމް އިފްތިތާހްކޮށްފަ އެވެ.
މި ޕްރޮގްރާމް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ރަފީޤް ވިދާޅުވީ މި ޕްރޮގްރާމް މިހާރު ފަށާފައިވާއިރު ވެކްސިންގެ 2 ޑޯޒް ޖެހުމަކީ ބަލިން ރައްކާތެރިވުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއްކަމަށާއި، 2 ޑޯޒް ޖަހާފައިވާކަން ކަށަވަރުނުވާނަމަ އިތުރު ޑޯޒެއް ޖެހުންވެސް މުހިންމު ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވެކްސިން ޖަހާފައިވާކަމަށް ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ހިމަބިހީގެ އައުޓްބްރޭކް ފެށުމާއެކު އެޗްޕީއޭއިން ވަނީ އެހެނިހެން މުވައްސަސާތަކާއި ގިޅިގެން މި ބަލި ކޮންޓްރޯލްކުރުމަށް ވަރަށް ގިނަ މަސައްކަތް ތަކެއް ކުރަން ފަށާފަ އެގޮތުން އައުޓްބރޭކް ރެސްޕޮންސް އިމިޔުނައޒޭޝަން ޕްރޮގްރާމްގެ ދަށުން 4468 މީހުންވަނީ ވެކްސިން ޖަހާފަ. މީގެ ތެރޭގައި ކޮންޓެކްޓުންނާއި ސިއްޙީ ޚިދުމަތްތެރިން ހިމެނޭ" ސްޓޭޓް މިނިސްޓަރު މުޙައްމަދު ރަފީޤު ވިދާޅުވި އެވެ.
ރާއްޖޭގައި މަސައްކަތްކުރާ ސިއްހީ މާހިރުން ހިމަބިހީގެ ހާލަތައް ރިއާޔަތްކުރައްވާ ބަލިން ރައްކާތެރިވުން މުހިންމުކަން ފާހަގަކުރެއްވި އެވެ.
އެގޮތުން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހްމަދު ފައިސަލް ވަނީ ރާއްޖެއަށް ހިމަބިހި ފެތުރުމުގެ ނުރައްކާ ބޮޑުވަނީ ހިމަބިހީގެ ވެކްސިން 2 ޑޯޒް ފުރިހަމަ ނުކުރާތީ ކަމަށް ވިދާޅުވެފަ އެވެ. އަދި ހިމަބިހީގެ ނުރައްކާ އެންމެ ބޮޑުވަނީ 15 އަހަރާއި 35 އަހަރާ ދެމެދު އުމުރުފުރާގެ މީހުންނަށްކަން ފާހަގަކުރައްވާ ޑރ. ފައިސަލް ވަނީ ވެކްސިން 2 ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތައް ވެކްސިން ޖެހުމަށް ބާރުއަޅުއްވާފަ އެވެ.
އެޗްޕީއޭއިން ބުނީ ހިމަބިހީގެ ވެކްސިންއަށް ޤައުމީ ވެކްސިން ތާވަލުގެ ތެރެއިންދޭ އެމްއާރް ވެކްސިން އަދި އެމްއާރްއައިގެ 2 ޑޯޒް ދެމުންދާ ކަމަށެވެ. ވެކްސިން ޑޯސޭޖް ޞިއްޙީ ޚިދުމަތް މާލޭގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކުގެ އެކި މަރުކަޒުތަކުން ފޯރުކޮށްދޭން ފަށާފައިވާކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
މާލޭގައި އެމްއާރު ވެކްސިންދޭ މަރުކަޒުތައް:
1. އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރ2. ހުޅުމާލެ ހޮސްޕިޓަލް3. ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް4. ވިލިމާލެ ހޮސްޕިޓަލް5. އޭޑީކޭ ހޮސްޕިޓަލް6. ޓްރީޓޮޕް ހޮސްޕިޓަލް
މިއިން ކޮންމެ ތަނަކުންވެސް ކަނޑައެޅިފައިވާ ދުވަސްތަކާއި ގަޑިތަކުގެ ވެކްސިން ދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަތޮޅުތަކުގައި ޚިދުމަތްދޭ ދުވަސްތަކާއި ގަޑިތައް އިއުލާން ކުރާނީ އެ އަތޮޅެއްގެ މަރުކަޒަކުން ކަމަށް އެޗްޕީއޭއިން ހާމަކުރެ އެވެ.


.jpeg&w=3840&q=75)
.jpg&w=3840&q=75)


