.jpeg&w=3840&q=75)
ހިމަބިހި އެންމެ ބާރަށް ފެތުރޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ: މިހާތަނަށް ބަލިޖެހުނު މީހުންގެ އަދަދު 72 އަށް!
# ހިމަބިހި-
ސަރަހައްދީ ގައުމުތަކުގެ ތެރެއިން ހިމަބިހި (މީސްލްސް) އެންމެ ހަލުވިކަމާއެކު ބާރަށް ފެތުރެމުންދާ ގައުމުތަކުގެ ބިރުވެރި ލިސްޓުގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

ސިއްހީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް މި ބަލި އެންމެ ބާރަށް ފެތުރެމުން ދަނީ ބަންގްލަދޭޝްގައެވެ. ބަންގްލަދޭޝްގެ އިތުރުން ހިމަބިހި އެންމެ ބާރަށް ފެތުރޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެއާ އަވަށްޓެރި އިންޑިއާ ވެސް ހިމެނޭހެން ނޭޕާލް، ސްރީލަންކާ އަދި ތައިލެންޑް ފަދަ ގައުމުތައް ވެސް ހިމެނެއެވެ.
2017 ވަނަ އަހަރު ރާއްޖޭން އެއްކޮށް ނައްތާލާފައިވާ ކަމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކަނޑައަޅާފައިވާ ހިމަބިހީގެ ކޭސްތައް އަލުން ރާއްޖޭން ފެންނަން ފެށިފަހުން، މިހާތަނަށް ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 72 އަށް އަރާފައެވެ.
މި ނާޒުކު ހާލަތާ ގުޅިގެން އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވަނީ، ބަލި ފެތުރޭ ގައުމުތަކުން މަސައްކަތް ކުރުމަށް ރާއްޖެ އަންނަ ބިދޭސީންނަށް ވިސާ ދޫކުރުމުގެ ކުރިން، އެމީހުން ހިމަބިހީގެ ވެކްސިން ފުރިހަމަ ކުރިތޯ ބަލަން މަޖުބޫރު ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ކިބައިން ފެންނަ ހިމަބިހީގެ އަލާމާތްތަކަށް ވެސް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. ފައިސަލް އިތުރަށް ހާމަކުރެއްވި ގޮތުގައި، ރާއްޖޭގައި މިހާރު ހިމަބިހި އެންމެ ގިނައިން ޖެހިފައިވަނީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި މިހާތަނަށް ބަލި ޖެހުނީ އެންމެ ހަތަރު ކުޑަކުދިންނަށް ކަމަށްވާތީ، 15 އަހަރާއި 35 އަހަރުގެ އުމުރުފުރާގެ އެންމެހާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ޑޮކްޓަރު ވަނީ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
ހިމަބިއްސަކީ ވައިރަހެއްގެ ސަބަބުން ޖެހޭ، ވައިގެ ޒަރިއްޔާއިން ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ. ހިމަބިހި ޖެހެނީ "މީސްލްސް ވައިރަސް"ގެ ސަބަބުން ކަމަށްވާއިރު، މިއީ ޕެރަމިކްސޯ ވައިރަސްގެ ތެރޭގައި ހިމެނޭ "މޯބިލިވައިރަސް"ގެ ވައްތަރެކެވެ. އާންމުކޮށް ހުރިހާ އުމުރެއްގެ މީހުންނަށް ވެސް މި ބަލި ޖެހިދާނެއެވެ.
ބަލިޖެހިފައިވާ މީހާގެ ފުށުން އެހެން މީހުންގެ ގަޔަށް ބަލި ފަތުރަނީ ބައްޔާއި ގުޅިގެން ގައިގައި ނަގާ ބިހިތައް ފެނުމުގެ 4 ނުވަތަ 5 ދުވަސް ކުރިންނާއި، ބިހިތައް ފެނުމަށްފަހު 4 ނުވަތަ 5 ދުވަސް ހަމަވުމާ ދެމެދުގައެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި، ބަލިޖެހިފައިވާ މީހަކާއެކު އުޅޭ ނުވަތަ އެއްތަންވާ މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަށް ހިމަބިހި ޖެހުމުގެ ފުރުޞަތު ބޮޑެވެ. ބަލިމީހާ ކެއްސައި، ކިނބިހި އެޅުމުގެ ތެރޭގައި ވައިގެ ތެރެއަށް ވައިރަސްތައް ބޭރުވެ، ނޭވާލުމުގެ ޒަރިއްޔާއިން ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް މި ވައިރަސް ވާސިލުވެއެވެ.
ރާއްޖޭގައި ހިމަބިހީގެ ކޭސްތައް އަލުން ފެންނަން ފެށުމާ ގުޅިގެން، ކަމާބެހޭ ސިއްހީ އިދާރާތަކުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބަލިން ރައްކާތެރިވުމަށްޓަކައި ދޭ އެމްއާރު ވެކްސިން އާންމުންނަށް ދޭން ފަށާފައެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
ހިމަބިހި އެންމެ ބާރަށް ފެތުރޭ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ: މިހާތަނަށް ބަލިޖެހުނު މީހުންގެ އަދަދު 72 އަށް!
.jpg&w=3840&q=75)
ހިމަބިހީގެ އިތުރު 5 ކޭސް ފެނި، ޖުމްލަ އަދަދު 20 އަށް!

ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 15 އަށް އަރައިފި




