
--
ބޮލީވުޑްގެ ކައިވެނިތަކުގެ ތެރެއިން މި ދުވަސްވަރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ އަރުޖުން ކަޕޫރްގެ ކޮއްކޮ، އަންޝުލާ ކަޕޫރްގެ ކައިވެނީގެ ވާހަކައެވެ.

އޭނާގެ ބައިވެރިޔާ ރޯހަން ތައްކަރްއާ އެކު މިއަދު ބާއްވާ ބޮޑު ކައިވެންޏަށް މުޅި ކަޕޫރު އާއިލާ އޮތީ ފޯރިއާއެކު ތައްޔާރުވެފައެވެ.
ކައިވެނީގެ ކުރިން ބާއްވާ ތަފާތު ރަސްމިއްޔާތުތަކުގެ ތެރެއިން އަންޝުލާގެ ފެޝަން ޗޮއިސްތަކަށް ގިނަ ބައެއްގެ ސަމާލުކަން މިހާރު ވަނީ ހުއްޓިފައެވެ.
އެގޮތުން އޭނާގެ "މެހެންދީ" ހަފްލާއަށް އަންޝުލާ ޚިޔާރުކުރި ހެދުން ފާހަގަކޮށްލެވެއެވެ. އާންމުކޮށް މެހެންދީ ޕާޓީތަކުން ފެންނަ ރީނދޫ ނުވަތަ ފެހި ކުލައިގެ ބަދަލުގައި، އޭނާ ލާފައިވަނީ މުޅިން ތަފާތު ގަދަ ނޫކުލައެއްގެ ލެހެންގާއެކެވެ. މަޝްހޫރު ޑިޒައިނަރު އަރްޕިތާ މެހެތާ ފަރުމާކޮށްފައިވާ މި ހެދުމަކީ ގުޖުރާތުގެ ސަގާފީ 'ޕަޓޯލާ' ޑިޒައިނާއި މިރަރ ވޯކް އެކުލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ހިތްގާާމު ހެދުމެކެވެ.
މި ހެދުމާ އެކު އަންޝުލާ ބޭނުންކުރީ އާންމުކޮށް ބޭނުންކުރާ ރަން ނުވަތަ 'ޕޮލްކީ' ގަހަނާގެ ބަދަލުގައި، ފީރޯޒް ކުލައިގެ ބޮޑެތި މުތީތަކެއް ހިމެނޭ ގަހަނާއެކެވެ. އޭނާގެ މޭކަޕް ވަރަށް ނެޗުރަލްކޮށް ބަހައްޓާފައިވާއިރު، އެންމެ ހިތްގައިމު އެއް ކަމަކީ އިސްތަށިގަނޑުގައި ހަރުކޮށްފައިވާ ގަދަ ފިޔާތޮށި ކުލައިގެ މާބޮޑި ތަކެވެ. މި މާތަކުގެ ސަބަބުން ނޫކުލައިގެ ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނެވެ.

މެހެންދީ ހަފްލާގެ ކުރިން، އަންޝުލާގެ ކައިވެނީގެ ފެށުން ދައްކާލީ ސަގާފީ "މާތާ ކީ ޗައުކީ" ރަސްމިއްޔާތުންނެވެ. އެ ހަފްލާގައި އޭނާ ލާފައިވަނީ ރަންކުލައިގެ އެމްބްރޮއިޑަރީ ޖެހި ބޭޖް ކުލައިގެ ލެހެންގާއަކާއި ޕަންޖާބީ ސަގާފަތް ރަމްޒުކޮށްދޭ 'ޕުލްކާރީ' ދުޕައްޓާއެކެވެ. އެއާއި އެކު ބޭނުންކުރި 'ކުންދަން' ގަހަނާތަކާއި ބޮލަށް ޖަހާފައިވާ މީރުވަސްދުވާ މާބޮޑިން އޭނާ ފެނުނީ ވަރަށް ބޮޑަށް ސަގާފީކޮށެވެ.
.jpeg&w=3840&q=75)
ޕްރީ-ވެޑިންގް ހަފްލާތަކުން ފެނުނު ހެދުންތަކަށް ބަލާފައި، މިއަދު ބާއްވާ މައި ކައިވެނީގެ ހަފްލާގައި އަންޝުލާ ފެންނާނެ ގޮތަކަށް ފޭނުން ތިބީ ވަރަށް ބޮޑަށް އިންތިޒާރުކޮށްގެންނެވެ.






