
ވޯލްޑްކަޕް: މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެ އިންގްލޭންޑުން މެކްސިކޯ ބަލިކޮށްފި
# ފީފާ ވޯލްޑްކަޕް 2026# ބޭރު ދުނިޔޭގެ ކުޅިވަރުއިންގްލެންޑާއި މެކްސިކޯ ވާދަކުރި މެޗުގެ ތެރެއިން..
ފީފާ ވޯލްޑްކަޕް ރައުންޑް އޮފް 16 ގައި މިއަދު ހެނދުނު މެކްސިކޯ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އިންގްލޭންޑުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ރައުންޑް އޮފް 16 އިން އިންގްލޭންޑް ޖާގަ ހޯދީ ރައުންޑް އޮފް 32 ގައި ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ކޮންގޯ ބަލިކުރުމަށްފަހު އެވެ. އަދި މެކްސިކޯ ރައުންޑް އޮފް 16 ގެ ޖާގަ ހޯދީ މުބާރާތުގެ ރައުންޑް އޮފް 32 ގައި 2-0 ގެ ނަތީޖާއަކުން އެކްއެޑޯ ބަލިކުރުމަށްފަހު އެވެ.
މެކްސިކޯ ސިޓީގެ އެސްޓާޑިއޯ ބޮނާޓޭގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އިންގްލޭންޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ޖޫޑް ބެލިންގްހަމް އެވެ. އަދި އޭގެ ދެމިނެޓު ފަހުން ބެލިންގްހަމް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން މެކްސިކޯގެ ޖޫލިއަން ކްނިއޯނެސް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އިންގްލޭންޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު އިންގްލޭންޑުން ވަރުގަދަކޮށް ފެށި ނަމަވެސް އެޓީމަށް މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ޖެރެލް ކުއަންސާއަށް ދެއްކި ރަތްކާޑާއެކުގައެވެ. މިއާއެކު މެޗުގެ ބާކީބައި އިންގްލޭންޑުން ފުރިހަމަކުރީ 10 ކުޅުންތެރިންނާއިއެކުގައެވެ. ނަމަވެސް އެކަކު މަދުކޮށް ކުޅެމުންދިޔަ އިންގްލޭންޑުން ވަނީ މެޗުގެ 60 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކު ލަނޑެއް ކާމިޔާބުކޮށް އަލުން ދެލަނޑުގެ ލީޑެއް ހޯދާފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ހެރީ ކޭން އެވެ. މިއީ މިމުބާރާތުގައި ކުޅުނު ފަސް މެޗުގައި ކޭން ކާމިޔާބުކުރި ހަވަަނަ ލަނޑެވެ. އަދި މެކްސިކޯ އިން ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ރައުލް ހިމެނޭޒް އެވެ. އަދި މެޗުގެ ފަހުބައިގައި މެކްސިިކޯ އިން ކުރިއަށްޖެ ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތްކުރި ނަަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-2 ގެ ނަތީޖާއަކުން އިންގްލޭންޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު މުބާރާތުގެ ކުއާޓާ ފައިނަލުގައި އިންގްލޭންޑުން ވާދަކުރަން ޖެހޭނީ ރޭ މުބާރާތުގެ ރައުންޑް އޮފް 16 ގައި 2-1 ގެ ނަތީޖާއަކުން ބްރެޒިލް ބަލިކުރި ނޯވޭ އާއި ދެކޮޅަށެވެ.އަދި މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު 2:00 ގައެވެ.
ގުޅުންހުރި

ވޯލްޑްކަޕް: މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެ އިންގްލޭންޑުން މެކްސިކޯ ބަލިކޮށްފި

ވޯލްޑްކަޕް: ހާލަންޑްގެ ދެލަނޑާއެކު ނޯވޭ އިން ބްރެޒިލް ކަޓުވާލައިފި

ވޯލްޑްކަޕް: އެމްބާޕޭގެ ޕެނަލްޓީއާއެކު ޕެރަގުއޭ ބަލިކޮށް ފްރާންސް އިން ކުއާޓާ ފައިނަލް ޔަގީންކޮށްފި




