
ވޯލްޑްކަޕް: ކެނަޑާ ކަޓުވާލުމަށްފަހު ކުއާޓާގެ ފުރަތަމަ ޖާގަ މޮރޮކޯއަށް
# ފީފާ ވޯލްޑްކަޕް 2026# ބޭރު ދުނިޔޭގެ ކުޅިވަރުމޮރޮކޯ އާއި ކެނަޑާ ވާދަކުރި މެޗުގެ ތެރެއިން..
މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ރައުންޑް އޮފް 16 ފުރަތަަމަ މެޗުގައި ކެނަޑާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މޮރޮކޯ އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގައެއް މޮރޮކޯ އިން ހޯދީ ރައުންޑް އޮފް 32 ގައި ނެދަލޭންޑް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. އަދި ކެނަޑާ ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދީ ރައުންޑް އޮފް 32 ގައި ސައުތު އެފްރިކާ 1-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފިޒިކަލް ކުޅުމެއް ފެނިގެންދިޔަ މިހާފުގައި ރެފްރީ ވަނީ މޮރޮކޯގެ ހަތަރު ކުޅުންތެރިއެއްގެ އިތުރުން ކެނަޑާގެ ދެކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކާފަައެވެ. އަދި މިހާފުގައި މޮރޮކޯގެ އިތުބާރު ފޯވާޑް އިސްމާއިލް ސައިބަރީއަށް އަނިޔާވެ ބަދަލުކުރަންޖެހުނުއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި މޮރޮކޯ އިން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައި މިޑްފިލްޑަރު އިއްޒުދީން އުނާހީ އެވެ. މިއީ ކެނަޑާގެ ޕެނަލްޓީ އޭރިއާ ބޭރުން މޮރޮކޯއަށް ލިބުނު ހިލޭ ޖެހުމެއްގައި ކެޕްޓަން ހަކީމީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މޮރޮކޯ އިން ލީޑު ފުޅާކުރި ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ބްރަހީމް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އުނާހީ ކާމިޔާބުކުރިއިރު، އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސުފިއާން ރަހީމީ ކާމިޔާބުކޮށްދިނީ ވެސް ބްރަހީމް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން މޮރޮކޯ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު މުބާރާތުގެ ކުއާޓާ ފައިނަލުގައި މޮރޮކޯ އިން ވާދަކުރަން ޖެހޭނީ މިރޭ މުބާރާތުގެ ރައުންޑް އޮފް 16 ގައި ޕެރަގުއޭ އާއި ފްރާންސް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.
ގުޅުންހުރި

ވޯލްޑްކަޕް: އެމްބާޕޭގެ ޕެނަލްޓީއާއެކު ޕެރަގުއޭ ބަލިކޮށް ފްރާންސް އިން ކުއާޓާ ފައިނަލް ޔަގީންކޮށްފި

ވޯލްޑްކަޕް: ކެނަޑާ ކަޓުވާލުމަށްފަހު ކުއާޓާގެ ފުރަތަމަ ޖާގަ މޮރޮކޯއަށް

ވޯލްޑްކަޕް ރައުންޑް އޮފް 16 ގައި ވަރުގަދަ މެޗުތަކެއް




