
ވޯލްޑްކަޕް: ހާލަންޑްގެ ދެލަނޑާއެކު ނޯވޭ އިން ބްރެޒިލް ކަޓުވާލައިފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ފީފާ ވޯލްޑްކަޕް 2026ބްރެޒިލް އާއި ނޯވޭ ވާދަކުރި މެޗުގެ ތެރެއިން
ފީފާ ވޯލްޑްކަޕް ރައުންޑް އޮފް 16 ގައި 2-1 ގެ ނަތީޖާއަކުން ބްރެޒިލް ބަލިކޮށް ނޯވޭ އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ރައުންޑް އޮފް 16 އިން ބްރެޒިލް ޖާގަ ހޯދީ ރައުންޑް އޮފް 32 ގައި ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ޖަޕާން ބަލިކުރުމަށްފަހު އެވެ. އަދި ނޯވޭ ރައުންޑް އޮފް 16 ގެ ޖާގަ ހޯދީ މުބާރާތުގެ ރައުންޑް އޮފް 32 ގައި 2-1 ގެ ނަތީޖާއަކުން އައިވަރީކޯސްޓް ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު އެންމެ ފަހުން 2006 ވަނަ އަހަރު ވާދަކުރި މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
އީސްޓް ރަދަފޯޑްގެ މެޑްލައިފް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ނޯވޭ އިން މެޗު ޑޮމިނޭޓުކުރި ނަމަވެސް މިހާފުގައި ބްރެޒިލްގެ އެޓޭކުތައް ފެނުނީ ނޯވޭއަށްވުރެ ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ ލީޑުހޯދުމަށް ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ބްރެޒިލްއަށް ޕެނަލްޓީއެއް ވެސް ލިބުނެވެ.
ނަމަވެސް ބްރޫނޯ ގުއިމަރޭޒް ފޮނުވާލި ޕެނަލްޓީ ނޯވޭގެ ކީޕަރު ދިފާއުކުރިއިރު، މިހާފުގެ 40 ވަނަ މިނެޓުގައި ބްރެޒިލްގެ ވިނީޝިއަސްއަށް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ކުރެވޭގޮތްނުވެފައެވެ. އަދި މިހާފުގައި ނޯވޭއަށް ލިބުނު އެންމެ ހުސް ފުރުސަތު އިތުރު ވަގުތުގެ ތެރޭގައި ލިބުނީ ކެޕްޓަން މާޓިން އޮޑެގާޑަށެވެ. ނަމަވެސް މުޅިން ހުސްކޮށްހުރެ އޮޑެގާޑް ފޮނުވާލި ހަމަލާ ބްރެޒިލްގެ ކީޕަރު އެލިސަން ވަނީ ދިފާއުކޮށްފައެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ބްރެޒިލް އިން ވަރުގަދަކޮށް ފެށިއިރު، މެޗުގެ ލީޑުހޯދުމަށް އެޓީމުގެ ޒުވާން ފޯވާޑް އެންޑްރިކްއަށް ވަނީ ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުންކުރެވޭ ގޮތެއްނުވިއެވެ. އަދި ނޯވޭ އިން މެޗުގެ ލީޑުހޯދި ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަލާންޑް އެވެ. އަދި މެޗުގެ 90 ވަނަ މިނެޓުގައި ހަލާންޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މިއީ މިފަހަރުގެ މުބާރާތުގައި ހަލާންޑް ކާމިޔާބުކުރި ހަތްވަނަ ލަނޑެވެ.
ބްރެޒިލް އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ތަޖުރިބާކާރު ފޯވާޑް ނޭމާ ޖޫނިއަރ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައި 2-1 ގެ ނަތީޖާއަކުން ނޯވޭ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު މުބާރާތުގެ ކުއާޓާ ފައިނަލުގައި ނޯވޭ އިން ވާދަކުރަން ޖެހޭނީ މިރޭ މުބާރާތުގެ ރައުންޑް އޮފް 16 ގައި އިންގްލެންޑާއި މެކްސިކޯ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. އަދި މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު 2:00 ގައެވެ.
ގުޅުންހުރި

ވޯލްޑްކަޕް: މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެ އިންގްލޭންޑުން މެކްސިކޯ ބަލިކޮށްފި

ވޯލްޑްކަޕް: ހާލަންޑްގެ ދެލަނޑާއެކު ނޯވޭ އިން ބްރެޒިލް ކަޓުވާލައިފި

ވޯލްޑްކަޕް: އެމްބާޕޭގެ ޕެނަލްޓީއާއެކު ޕެރަގުއޭ ބަލިކޮށް ފްރާންސް އިން ކުއާޓާ ފައިނަލް ޔަގީންކޮށްފި




