
ވޯލްޑްކަޕް: އެމްބާޕޭގެ ޕެނަލްޓީއާއެކު ޕެރަގުއޭ ބަލިކޮށް ފްރާންސް އިން ކުއާޓާ ފައިނަލް ޔަގީންކޮށްފި
# ފީފާ ވޯލްޑްކަޕް 2026# ބޭރު ދުނިޔޭގެ ކުޅިވަރުފްރާންސާއި ޕެރަގުއޭ ވާދަކުރި މެޗުގެ ތެރެއިން..
މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ރައުންޑް އޮފް 16 ގައި ޕެރަގުއޭ އާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފްރާންސް އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެެވެ.

މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގައެއް ޕެރަގުއޭ އިން ހޯދީ ރައުންޑް އޮފް 32 ގައި ޖަރުމަނާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-4 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. އަދި ފްރާންސް ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދީ މުބާރާތުގެ ރައުންޑް އޮފް 32 ގައި ސްވިޑެން ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު އެންމެ ފަހުން 2017 ވަނަ އަހަރު ކުޅުނު މެޗު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފުރާންސް އިންނެވެ.
ފިލަޑެލްފިއާ ސިޓީގެ ލިންކަން ފައިނޭންޝަލް ފީލްޑްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ފްރާންސް އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިނދިކޮޅު ޓީމުގެ ގޯލައި އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއްނުވެއެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅެ ފްރާންސް އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ކިލިއަން އެމްބާޕޭ އެވެ. މިއީ މިފަހަރުގެ މުބާރާތުގައި އެމްބާޕޭގެ ހަތްވަނަ ލަނޑެވެ. އަދި މީގެ އިތުރުން މިއީ ވޯލްޑްކަޕްގައި މިހާތަނަށް ކުޅުނު 19 މެޗުގައި އެމްބާޕޭގެ 19 ވަނަ ލަނޑެވެ.
މިނަތީޖާއެކު މުބާރާތުގެ ކުއާޓާ ފައިނަލުގައި ފްރާންސް އިން ވާދަކުރަން ޖެހޭނީ މިރޭ ކުޅުނު ރައުންޑް އޮފް 16 ގެ ފުރަތަމަ މެޗުގައި ކެނަޑާ ބަލިކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދި މޮރޮކޯ އާއި ދެކޮޅަށެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 1:00 ގައެވެ.
ގުޅުންހުރި

ވޯލްޑްކަޕް: އެމްބާޕޭގެ ޕެނަލްޓީއާއެކު ޕެރަގުއޭ ބަލިކޮށް ފްރާންސް އިން ކުއާޓާ ފައިނަލް ޔަގީންކޮށްފި

ވޯލްޑްކަޕް: ކެނަޑާ ކަޓުވާލުމަށްފަހު ކުއާޓާގެ ފުރަތަމަ ޖާގަ މޮރޮކޯއަށް

ވޯލްޑްކަޕް ރައުންޑް އޮފް 16 ގައި ވަރުގަދަ މެޗުތަކެއް




