
ގައުމީ ވާހަކަދެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިބަހުގެ އެކެޑަމީން ހުޅުވާލައިފި
# ދިވެހި ބަހުގެ އެކެޑަމީ-
ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ "އަލްއުސްތާޒު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތް – 2026" ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ މުބާރާތް ބޭއްވުމަށް ރަސްމީކޮށް ތާވަލުކުރެވިފައިވަނީ ކުރިއަށް އޮތް އޮގަސްޓު މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ދިވެހިބަހުން ވާހަކަދެއްކުމުގެ ފަންނު ކުރިއަރުވައި، ބަސްމޮށުންތެރި ޒުވާނުންތަކެއް ބިނާކުރުމަށް ގައުމީ ފެންވަރުގައި ބާއްވާ އެންމެ ބޮޑު މުބާރާތެވެ.
މި މުބާރާތް މައިގަނޑު ގޮތެއްގައި ބެހިގެންވަނީ ވާހަކަދެއްކުމުގެ ބަޔާއި ބަހުސްކުރުމުގެ ބައިގެ މައްޗަށެވެ. އޭގެ ތެރެއިން ވާހަކަދެއްކުމުގެ ބައިގައި ސްކޫލުތަކުގެ ގިންތި ދަށު ސާނަވީ (ކީ ސްޓޭޖް 3)، ސާނަވީ (ކީ ސްޓޭޖް 4)، އަދި މަތީ ސާނަވީ (ކީ ސްޓޭޖް 5) އަށް ބަހާލާފައިވާއިރު، އަމިއްލަ ފަރާތްތަކުގެ ބައި ބަހާލާފައިވަނީ 18 އަހަރުން ދަށުގެ އުމުރުފުރާ އާއި 18 އަހަރުން މަތީގެ އުމުރުފުރާއަށެވެ.
މީގެ އިތުރުން 16 އަހަރުން މަތީގެ ފަރާތްތަކަށް ޚާއްސަ ބަހުސްކުރުމުގެ ބައިގައި އޮފީސްތަކާއި، ކުންފުނިތަކާއި، ޖަމުއިއްޔާ ޖަމާއަތްތަކުގެ އިތުރުން ޔުނިވަރސިޓީ، ކޮލެޖު އަދި އެކެޑަމީތަކުގެ ޓީމުތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މުބާރާތުގައި ބައިވެރިވާ އިސްކޫލުތަކާއި އަމިއްލަ ފަރާތްތަކުން ވާހަކަދައްކަންޖެހޭ ޚާއްސަ މައުލޫތައް، އެ އުމުރުފުރާއެއްގެ ވާހަކަދެއްކުން ފެށުމުގެ މަދުވެގެން 5 ދުވަސް ކުރިން އެކެޑަމީން އާންމުކުރާނެއެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެ ކަމަށް އެދި، 2026 އޮގަސްޓު 6 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ޚާއްސަ އޮންލައިން ގޫގުލް ފޯމު ލިންކު (https://forms.gle/vmz5DsTFByP99YZv7) މެދުވެރިކޮށް ފޯމު ފުރިހަމަކޮށް ހުށަހަޅަންޖެހޭނެއެވެ.
މުބާރާތާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ، އެ ކަމަށް ކަނޑައަޅާފައިވާ ވަކި ގޫގުލް ފޯމެއް (https://forms.gle/zCL37HkEBoQnXKrbA) މެދުވެރިކޮށް ހުށަހެޅޭނެ ކަމަށާއި، ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މުބާރާތް ނިމޭ ދުވަހާ ވިދިގެން އަންނަ ދުވަހުގެ މެންދުރުފަހު 12:00 ކަމަށް އެކެޑަމީން ބުނެއެވެ. މުބާރާތުގެ ގަވާއިދާއި ލިޔެކިޔުންތައް ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
އަދި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އަށް އީމެއިލް ކުރުމުން ނުވަތަ އެކެޑަމީގެ ނަންބަރު 7772816 އަށް ގުޅުމުން ލިބޭނެ ކަމަށް ވެސް އެ އިދާރާއިން މަޢުލޫމާތުދެއެވެ.
ގުޅުންހުރި

ގައުމީ ވާހަކަދެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިބަހުގެ އެކެޑަމީން ހުޅުވާލައިފި

މަޒުމޫނާއި ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތްތައް 1900 އަށްވުރެ ގިނަ ބައިވެރިންނާއެކު ފަށައިފި

މައުމޫން ފައުންޑޭޝަންގެ ފަރާތުން “މައުމޫން” ފޮންޓް ދިވެހިބަހުގެ އެކެޑަމީއަށް ހަދިޔާކޮށްފި
-1777055534548.webp&w=3840&q=75)



