-1777055534548.webp&w=3840&q=75)
-
ދިވެހިބަހުގެ އެކަޑަމީއާއި ހުޅުމާލޭ ޑީވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެޅިގެން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ހާއްސަ ހަރަކާތެއް ކަމަށްވާ “ދިވެހިބަހުގެ ހަވީރު” ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު ހީނާ ވަލީދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މި ހަރަކާތަކީ ދިވެހި ކުޑަކުދިންގެ ހިތްތަކުގައި މާދަރީ ބަހަށް ލޯބިޖެއްސުމާއި، ބަހުގެ ހަމަތަކާއި އުސޫލުތަކަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ހުޅުމާލޭގައި ބޭއްވި މި ހަވީރުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި، މާލޭގެ އެކި ސްކޫލްތަކުންނާއި، ބައެއް އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ވެސް ވަނީ ބައިވެރިވެފައެވެ.
މި ހަވީރުގެ ތެރެއިން ދިވެހިބަހާ ގުޅޭ ތަފާތު ކުޅިވަރުތަކާއި، ބަހުގެ ހުނަރުތައް ދައްކާލުމުގެ އިތުރުން ސަގާފީ އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތަށް ހުޅުމާލޭގައި ދިރިއުޅޭ ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބެލެނިވެރިން ޒިޔާރަތްކޮށްފައިވާ އިރު، މި ހަވީރަށް އާންމުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހި ގައުމިއްޔަތާއި ދިވެހި ބަސް ދިރުވާ އާލާކުރުމަށް ދެއްވާ ހާއްސަ އިސްކަމުގެ ދަށުން، މިފަދަ ހަރަކާތްތައް ކުރިއަށް އޮތް ތަނުގައި ވެސް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ހަވީރު ހުޅުއްވައިދެއްވަމުން ވަޒީރު ހީނާ ވަލީދު ވަނީ ދިވެހި ބަސް ކުރިއެރުވުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.





