.jpg&w=3840&q=75)
-
މާލެ ސަރަޙައްދުން ހިމަބިހީގެ އިތުރު 5 ކޭސް ފެނި، ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 20 އަށް އުފުލިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ އެންމެފަހުގެ ރިޕޯޓުތަކަށް ބަލާއިރު، ހަމައެކަނި މިދިޔަ ހަފްތާގެ ތެރޭގައިވެސް މާލެއިން ހިމަބިހި (މީސްލްސް) ގެ އައު ކޭސްތަކެއް ވަނީ ކުއްލިއަކަށް ފާހަގަކުރެވިފައެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ރިޕޯޓުކުރި ކޭސްތަކުގެ އަދަދު 20 އަށް އަރާފައިވާއިރު، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ޚާއްޞަ ސަމާލުކަމެއް ދީގެން ކުއްލި މަސައްކަތްތަކެއް ފަށާފައެވެ.
އެޗްޕީއޭއިން ވިދާޅުވި ގޮތުގައި، މިހާތަނަށް ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ 18 އަހަރުން މަތީގެ ބޮޑެތި ދިވެހިންނެވެ. ބަލި ޖެހުނު މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޖުމްލަ 489 ކޮންޓެކްޓުން ފާހަގަވެފައިވާއިރު މީގެ ތެރެއިން ބަލީގެ ނުރައްކާ އޮތް އެކްޓިވް 88 ކޮންޓްކްޓެއްގެ ހާލަތު އެޗްޕީއޭގެ ޓީމުތަކުން ދަނީ ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އަދި ބަލި ދެނެގަތުމުގެ ސަވައިލެންސް ހަރުދަނާކޮށް، ހުން އައިސް ހަމުގައި ބިހި ނަގާ މީހުން ސިއްހީ މަރުކަޒުތަކުން އަވަހަށް ސްކްރީން ކުރާނެ އިންތިޒާމުތައް މިހާރު ވަނީ މުޅި ރާއްޖޭގައި ގާއިމުކޮށްފައެވެ.
ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އެންމެ މުހިންމު ފިޔަވަޅެއްގެ ގޮތުން އެޗްޕީއޭއިން ދަނީ ރިންގް ވެކްސިނޭޝަން ކުރިއަށް ގެންދަމުންނެވެ. އެގޮތުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ 220 ފަރާތަކަށް މިހާރު ވަނީ ވެކްސިން ދީފައެވެ. މީގެ އިތުރުން، މިހާރު ފަށާފައިވާ ޚާއްޞަ ވެކްސިން ކެމްޕޭންގެ ދަށުން، ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 1,118 ފަރާތަކަށް ވެކްސިން ދީފައިވާއިރު، 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން ޑޯޒް ހަމަނުވާ ކުދިން ހޯދައި ވެކްސިން ދިނުމުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ.
އާންމު ހުމުގެ ޢަލާމާތްތަކާއެކު ހަށިގަނޑުގައި ނަގާ ކުދި ރަތް ބިހިތަކަކީ ހިމަބިހީގެ މައިގަނޑު އަލާމާތްތަކަށް ވާއިރު، ބަލީގެ އަލާމާތްތައް ފެންނަން ފަށާތާ ކުރީކޮޅު އެހެން މީހުންގެ ގަޔަށް ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިދުވަސްވަރަކީ ރާއްޖޭގައި އިންފްލުއެންޒާއާއި، ޑެންގީގެ އިތުރުން ފާނަބަސަންދު ވެސް އިތުރުވަމުންދާ ދުވަސްވަރެއް ކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭރަށް ނިކުންނައިރު މާސްކު އެޅުމާއި، ގިނަގިނައިން އަތްދޮވުމާއި، އަދި ހޭންޑް ސެނިޓައިޒަރ ބޭނުންކުރުމަށް އެޗްޕީއޭއިން މުޖުތަމައުގެ އެންމެހައި ރައްޔިތުންނަށް ނުހަނު ބޮޑަށް އިލްތިމާސް ކުރައްވައެވެ.





