
-
ރާއްޖެއިން ހިމަބިހިއަށް ނުވަތަ މީސްލްސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 15 އަށްއަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ ހަފްތާގައި ހިމަބހިހީގެ 4 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ރާއްޖެއިން ނައްތާލާފައިވަ ބައްޔެއް އަލުން ފެނަންނަން ފެށުމުން އެޗްޕީއޭއިން ދަނީ ކޭސްތައް ވަރަށް ގާތުން ބަލަމުންނެވެ.
އެޗްޕީއޭ އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ 13 ވަނަ ދުވަހު ބަލީގެ ކޭސްތައް ފެންނަން ފަށާފައިވާ ކަމަށެވެ. އަދި މި އެންމެން ފެނިފައިވަނީ މާލެ ސަރަހައްދުން ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
އެޗްޕީއޭއިން ބުނީ ދުނިޔޭގެ އެހެން ޤައުމުތަކާއި އަވައްޓެރި އެކި ޤައުމުތަކުގައި ހިމަބިހީގެ ކޭސްތައް ނުރައްކާ މިންވަރަކަށް އިތުރުވެފައިވާކަމަށެވެ. ރާއްޖެއަށް އެކި ޤައުމުތަކުން ވަރަށް ގިނަ މީހުން ޒިޔާރަތްކުރުމާއި ދިވެހިންވެސް އެކި ޤައުމުތަކަށް ދަތުރުކުރުމަކީ އެހެން ޤައުމުތަކުން މިބަލި ރާއްޖެއަށް އައުމަށް އޮތް ފުރުސަތެއްކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި މީސްލްސްއާއި ދެކޮޅަށް ކުރިއަށްގެންގޮސްފައިވާ ވެކްސިން ކެމްޕޭންތަކުގެ ސަބަބުން ބަލީގެ ނުރައްކާވާމިންވަރު ކުޑަކަން އެޗްޕީއޭއިން ފާހަގަކުރި އެވެ. ބަލި ޖެހިފައިވާ މީހުން ފެނުމުން ކޮންޓެކްޓް ޓްރޭސިންގއަށް އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރި އެވެ. އެހެންކަމުން އެޗްޕީއޭއިން ގުޅުމުން އެމީހަކާއި ބައްދަލުވި މީހުންނާއި ދަތުރުކުރި ގޮތުގެ ތަފްސީލް ހިއްސާކޮށްދިނުމަށް ވަނީ އެދިފައެވެ.





