
-
ނިމިދިޔަ ޖޫން މަހުގެ ތެރޭގައި މަސްދޯނިފަހަރުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް ޖުމްލަ 568 ޓަނުގެ މަސް ކިރުވައި، މަސްވެރިންނަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ޖޫން މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ކުންފުންޏަށް މަސް ކިރުވުމަށްޓަކައި ޖުމްލަ 517 މަސްދޯންޏަކުން ވަނީ ހަރަކާތްތެރިވެފައެވެ. މިދިޔަ މަހު މަސްވެރިން ކިރުވި މަހަށް މިފްކޯއިން ޖުމްލަ 11,332,391 (އެގާރަ މިލިއަން ތިންސަތޭކަ ތިރީސް ދެހާސް ތިންސަތޭކަ ނުވަދިހަ އެއް) ރުފިޔާ ވަނީ ދޫކޮށްފައެވެ.
ޖޫން މަހުގެ ތަފާސްހިސާބުތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނައިން ކިރުވާފައިވަނީ ކަޅުބިލަމަހެވެ. އެގޮތުން 196 ދޯނިން ޖުމްލަ 484.4 ޓަނުގެ ކަޅުބިލަމަސް ކިރުވާފައިވާއިރު، އެ ބާވަތަށް މަސްވެރިންނަށް 9,326,901 ރުފިޔާ ދޫކޮށްފައިވެއެވެ. މީގެ އިތުރުން، 10 ކިލޯއިން މަތީގެ ކަންނެލީގެ ބާވަތްތަކުން 109 ދޯނިން 16.6 ޓަނުގެ މަސް ކިރުވައި 331,440 ރުފިޔާ ހޯދާފައިވާއިރު، 15 ކިލޯއިން މަތީގެ ކަންނެލީގެ ބާވަތްތަކުން 212 ދޯނިން 67 ޓަނުގެ މަސް ކިރުވައި 1,674,050 ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ.
ނަމަވެސް، އޭގެ ކުރީ މަސް ކަމަށްވާ މެއި މަހުގެ ތަފާސްހިސާބުތަކާ އަޅާބަލާއިރު ޖޫން މަހު މިފްކޯއަށް ކިރުވި މަހުގެ އަދަދު ވަނީ ބޮޑުތަނުން ދަށްވެފައެވެ. މެއި މަހުގެ ތެރޭގައި ޖުމްލަ 693 ދޯނިން 1,791 ޓަނުގެ މަސް ކިރުވައި، މަސްވެރިންނަށް 31,081,853 ރުފިޔާ ދޫކޮށްފައިވެއެވެ. މި ބަދަލަށް ބަލާއިރު، ޖޫން މަހު ކިރުވި ޖުމްލަ މަހުގެ އަދަދު ވަނީ މެއި މަހަށްވުރެ 1,223 ޓަނު މަދުވެފައެވެ. އަދި މަސްވެރިންނަށް ދޫކުރި ފައިސާގެ ޖުމްލަ އަދަދުން ވެސް ވަނީ ގާތްގަނޑަކަށް 19.7 މިލިއަން ރުފިޔާގެ ދަށްވުމެއް އައިސްފައެވެ.
މެއި މަހާ އަޅާބަލާއިރު ޖޫން މަހު މަސްވެރިކަން ދަށްވި ނަމަވެސް، 10 ކިލޯއިން މަތީގެ ކަންނެލި ކިރުވި އަދަދަށް ވަނީ ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް އައިސްފައެވެ. މެއި މަހު މި ބާވަތުގެ ކަންނެލި ކިރުވާފައިވަނީ އެންމެ 6.9 ޓަނު ކަމަށްވިޔަސް، ޖޫން މަހު އެ އަދަދު ވަނީ 16.6 ޓަނަށް އިތުރުވެފައެވެ.
މިފްކޯއިން މަސްވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށާއި، ބާނާ މަހަށް ހަމައަގު ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަކަށްވެސް އެން ލިބުމުގައި ދަތިތަކެއް ދަނީ ކުރިމަތިވަމުން ކަމަށް މަސްވެރިން ބުނެއެވެ.






