logoEN
WAMCO TOP 1
އެފްއާރްއެސްގެ ހަފްތާ ރިޕޯޓު: މިދިޔަ ހަފްތާގައި އެންމެ ގިނައީ އަލިފާނުގެ ހާދިސާތައް، ގިނަ ހާދިސާތައް ހިނގީ މާލެ ސަރަހައްދުގައި!

އެފްއާރްއެސްގެ ހަފްތާ ރިޕޯޓު: މިދިޔަ ހަފްތާގައި އެންމެ ގިނައީ އަލިފާނުގެ ހާދިސާތައް، ގިނަ ހާދިސާތައް ހިނގީ މާލެ ސަރަހައްދުގައި!

އަހުމަދު ޝުރާއު

logo

7/5/2026, 5:55:39 AM

# އެމްއެންޑީއެފް

-

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކާތަކުގެ 15 ހާދިސާއަކަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރްއެސް) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

THE TRAVELLER AD

އެމްއެންޑީއެފުން އާންމުކޮށްފައިވާ ހަފުތާގެ ރިޕޯޓަށް ބަލާއިރު، މި ހާދިސާތައް ހިނގާފައިވަނީ 28 ޖޫން 2026 އިން ފެށިގެން 04 ޖުލައި 2026 ގެ ނިޔަލަށެވެ. މި ހުރިހާ ހާދިސާތަކެއްގައި ވެސް ސިފައިން ވަނީ ވަގުތުން ހަރަކާތްތެރިވެ، އާންމުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ.

މިދިޔަ ހަފުތާގައި ހިނގި ހާދިސާތަކުގެ ތެރެއިން އެންމެ ގިނައީ އަލިފާނުގެ ހާދިސާތަކެވެ. އެގޮތުން ޖުމްލަ 9 އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވެފައިވެއެވެ. މީގެ އިތުރުން ކެމިކަލް ނުވަތަ ނުރައްކާތެރި މާއްދާތަކާ ގުޅުންހުރި 1 ހާދިސާއަކާއި، މީހުން ސަލާމަތްކުރުމުގެ 1 އޮޕަރޭޝަންގެ އިތުރުން، ބަލިމީހުން ކުއްލި ހާލަތުގައި ކަނޑުމަގުންނާއި ވައިމަގުން އުފުލުމުގެ 4 އޮޕަރޭޝަނެއް ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ވަނީ އެފްއާރްއެސްއިން ކުރިޔަށް ގެންގޮސްފައިވެއެވެ.

ސަރަހައްދުތަކަށް ބަލާއިރު އެންމެ ގިނަ ހާދިސާތައް ހިނގާފައިވަނީ މާލެ ސަރަހައްދުގައެވެ. އެގޮތުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ޖުމްލަ 13 ހާދިސާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ދެން އެންމެ ގިނަ ހާދިސާ ހިނގާފައިވަނީ ރާއްޖޭގެ ދެކުނުގައެވެ. އެމްއެންޑީއެފް ސަަދަން އޭރިއާ ކޮމާންޑުން 2 ހާދިސާއަކަށް އެޓެންޑްވެފައިވެއެވެ.

ނަމަވެސް މި މުއްދަތުގައި ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކުގައި (ނޮދަން އޭރިއާ އަދި ސެންޓްރަލް އޭރިއާ ކޮމާންޑް) އެއްވެސް ނުރައްކާތެރި ހާދިސާއެއް ހިނގާފައެއް ނުވެއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަބަދުވެސް އަންނަނީ މިފަދަ ކުއްލި ހާދިސާތަކުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި 24 ގަޑިއިރު ތައްޔާރީ ހާލަތެއްގައި މަސައްކަތް ކުރަމުންނެވެ. ވަކިން ޚާއްސަކޮށް، އަލިފާނުގެ ހާދިސާތައް އިތުރުވަމުންދާތީ، ގޭގެއާއި ވިޔަފާރިކުރާ ތަންތަނުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަށާއި، ކަނޑުދަތުރުކުރާ ފަރާތްތަކުން ވެސް މޫސުމަށް ބަލައިގެން ދަތުރުތައް ރޭވުމަށް ސިފައިން އިލްތިމާސްކުރެއެވެ.

ކޮމެންޓް
ފަހުގެ
HDC