logoEN
WAMCO TOP 1
ވޯލްޑްކަޕް ރައުންޑް އޮފް 16 ގައި ވަރުގަދަ މެޗުތަކެއް

ވޯލްޑްކަޕް ރައުންޑް އޮފް 16 ގައި ވަރުގަދަ މެޗުތަކެއް

ހަސަން ޝަމްއޫން

logo

7/4/2026, 1:21:32 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# ފީފާ ވޯލްޑްކަޕް 2026

ފީފާ ވޯލްޑްކަޕް..

އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ފުރަތަމަ ނޮކްއައުޓް ބުރުގެ މެޗުތައް ނިމި މުބާރާތުގެ ގަދަ 16 ޓީމު ޔަގީންވެފައިވާއިރު، މިފަހަރުގެ މުބާރާތަކީ އެއްގޮތަކަށްވުރެ ގިނަ ގޮތްގޮތުން ވަރަށް ޚާއްސަ މުބާރާތެކެވެ.

THE TRAVELLER AD

އެގޮތުން ވޯލްޑްކަޕްގައި ފުރަތަމަ ފަހަރަށް 48 ޓީމު ވާދަކުރިއިރު، މުބާރާތުގެ ރައުންޑް އޮފް 32 ގައި ވަނީ އާދަޔާ ޚިލާފު ގިނަ ނަތީޖާތަކެއް ފެނިގެންގޮސްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ނަތީޖާތަކުގެ ތެރޭގައި ހަތަރު ފަހަރު ވަރލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ޖަރުމަނު, ޕެރެގުއޭ އަތް ދަށުވެ މުބާރާތުން ކެޓުމުގެ އިތުރުން, ވަރުގަދަކޮށް މުބާރާތަށް ނިކުތް ނެދަލޭންޑްސް, މޮރޮކޯ އަތުން ބަލިވެ މުބާރާތަށް އަލްވަދާއު ކިޔަންޖެހުން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން މުބާރާތުގެ ރައުންޑް އޮފް 32 ގައި ކޮންގޯ އަތުން ފަހަތުން އަރައި އިންގްލެންޑް މޮޅުވި މެޗާއި ކޭޕް ވާޑޭ އަތުން އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ 120 މިނެޓް ކުޅެ 3-2 ގެ ނަތީޖާއަކުން މޮޅުވި މެޗަކީ ނޭވާ ހިފަހައްޓާލަން ޖެހުނު މެޗުތަކެކެވެ. އަދި ސެނަގާލް ދެލަނޑުގެ ލީޑެއް ހޯދާފައިވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ކާމިޔާބުކޮށް ބެލްޖިއަމް މޮޅުވި މެޗަކީ މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ފޯރިގަދަ އެއްމެޗެވެ.

މިނަތީޖާތަކާއެކު މުބާރާތުގެ ރައުންޑް އޮފް 16 ގެ ކުޅުން މިރޭ ފަށާއިރު، ފުރަތަމަ މެޗުގައި މިރޭ ރާއްޖެ ގަޑިން 22:00 ގައި މޮރޮކޯ އިން ނުކުންނާނީ ކެނަޑާއާއި ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި މިރޭ ދަންވަރު ފްރާންސް އާއި ޕެރަގުއޭ ވާދަކުރާއިރު، މާދަމާ ރޭ ދަންވަރު 1:00 ގައި ބްރެޒިލް އިން ނުކުންނާނީ ވޯލްޑްކަޕްގެ ރައުންޑް އޮފް 16 އިން މުޅިން އަލަށް ޖާގަ ހޯދި ނޯވޭ އާ ދެކޮޅަށެވެ. އަދި މާދަމާ ރޭ ފަތިހު ރާއްޖެ ގަޑިން 5:00 ގައި އިންގްލެންޑާއި މެކްސިކޯ ވާދަކުރާއިރު، މިބުރުގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާނެ އެއްމެޗަކީ މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ 00:00 ގައި ޕޯޗުގަލް އާއި ސްޕެއިން ވާދަކުރާ މެޗެވެ.

މީގެ އިތުރުން ހޯމަ ދުވަހުގެ ރޭ ފަތިހު 5:00 ގައި އެމެރިކާ އިން ބެލްޖިއަމް އާއި ދެކޮޅަށް ނުކުންނައިރު، އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން ނުކުންނާނީ މިސްރާއި ދެކޮޅަށެވެ. އަދި ރައުންޑް އޮފް 16 ގެ ފަހު މެޗުގައި އަންގާރަ ދުވަހުގެ ރޭ ދަންވަރު 1:00 ގައި ކޮލަމްބިއާ އިން ނިކުންނާނީ ސްވިޒަލޭންޑާއި ދެކޮޅަށެވެ.

މިފަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 އިން ޖާގަ ހޯދި ޓީމުތަކުގެ ތެރޭގައި ހިމެނެނީ ޔޫރަޕްގެ ހަތް ޓީމާއި ސައުތު އެމެރިކާގެ ހަތަރު ޓީމުގެ އިތުރުން ނޯތު އެމެރިކާގެ ތިން ޓީމާއި އެފްރިކާގެ ދެ ޓީމެވެ. އަދި މިފަހަރުގެ މުބާރާތުގެ ގަދަ 16 ޓީމުގެ ތެރޭގައި އޭޝިއާގެ އެއްވެސް ޓީމެއް ނުހިމެނެއެވެ.

ކޮމެންޓް
ފަހުގެ
HDC