logoEN
WAMCO TOP 1
ވޯލްޑްކަޕް: 92 އަހަރަށް ފަހު މިސްރުން ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ ރައުންޑް އޮފް 16 އިން ޖާގަ ހޯދައިފި

ވޯލްޑްކަޕް: 92 އަހަރަށް ފަހު މިސްރުން ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ ރައުންޑް އޮފް 16 އިން ޖާގަ ހޯދައިފި

ހަސަން ޝަމްއޫން

logo

7/3/2026, 9:05:56 PM

# ބޭރު ދުނިޔޭގެ ކުޅިވަރު# ފީފާ ވޯލްޑްކަޕް 2026

މިސްރާއި އޮސްޓްރޭލިއާ ވާދަކުރި މެޗުގެ ތެރެއިން..

އެމެރިކާގައި މިހާރު ކުރިއަށްދާ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް 32 ގައި އޮސްޓްރޭލިއާ ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-2 ގެ ނަތީޖާއަކުން މޮޅު މިސްރުން އެގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑްކަޕް ނޮކްއައުޓް މެޗަކުން މޮޅުވެއްޖެއެވެ.

THE TRAVELLER AD

މުބާރާތުގެ ރައުންޑް އޮފް 32 ގެ ޖާގައެއް މިސްރުން ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ފަސް ޕޮއިންޓާއެކު ގުރޫޕް ޖީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި އޮސްޓްރޭލިއާ އިން މުބާރާތުގެ ރައުންޑް އޮފް 32 ގެ ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ގުރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ. އެ މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މިސްރުންނެވެ.

ޓެކްސަސްގެ އާލިންގްޓަން ސިޓީގެ ޑެލަސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ މިސްރުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު އިމާމް އާޝޫރް އެވެ.

އޮސްޓްރޭލިއާ އިން ނަތީޖާ އެއްވަރުކުރި ލަނޑަކީ ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން އައިޑެން އޯ ނީލް މިސްރުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި މިސްރުގެ މުހައްމަދު ހަނީގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ގޯލުންނެވެ.

މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ 90 މިނެޓުގެ ކުޅުން ނިމި އިތުރަށް ކުޅުނު އިތުރު ވަގުތު 15 މިނެޓުގެ ދެހާފުގައި ވެސް ނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެއެވެ. މިއާއެކު މެޗު ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މިސްރުން ޖެހި ހަތަރު ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، އޮސްޓްރޭލިއާގެ ހަތަރު ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ ދެ ޕެނަލްޓީ އެވެ.

މީގެ އިތުރުން މިއީ 1934 ވަނަ އަހަރުގެ ވޯލްޑްކަޕް ރައުންޑް އޮފް 16 ގައި ހަންގޭރީ އަތުން 4-2 ގެ ނަތީޖާއަކުން މިސްރު ބަލިވި ފަހުން ވޯލްޑްކަޕްގެ ރައުންޑް އޮފް 16 އިން އެޓީމު ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އަދި މިސްރަކީ މިފަހަރުގެ ވޯލްޑްކަޕްގެ ރައުންޑް އޮފް 16 އިން ޖާގަ ހޯދި އެފްރިކާގެ ދެވަނަ ގައުމެވެ.

މިނަތީޖާއެކު މުބާރާތުގެ ރައުންޑް އޮފް 16 ގައި މިސްރު ވާދަކުރަންޖެހޭނީ މުބާރާތުގެ ރައުންޑް އޮފް 32 ގައި މިރޭ އާޖެންޓީނާ އާއި ކޭޕް ވާރޑޭ ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

ކޮމެންޓް
ފަހުގެ
HDC