.jpg&w=3840&q=75)
ވޯލްޑްކަޕް: ފަހަތުން އަރައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ރައުންޑް އޮފް 16 އިން ޖާގަ ހޯދައިފި
# ފީފާ ވޯލްޑްކަޕް 2026# ބޭރު ދުނިޔޭގެ ކުޅިވަރުޕޯޗުގަލް އާއި ކްރޮއޭޝިއާ ވާދަކުރި މެޗުގެ ތެރެއިން
މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ރައުންޑް އޮފް 32 ގައި މިރޭ ކްރޮއޭޝިއާ އިން ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދާފައިވަނިކޮށް ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެ ޕޯޗުގަލް އިން މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ރައުންޑް އޮފް 32 ގެ ޖާގައެއް ޕޯޗުގަލް އިން ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ފަސް ޕޮއިންޓާއެކު ގުރޫޕް ކޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ކްރޮއޭޝިއާ އިން މުބާރާތުގެ ރައުންޑް އޮފް 32 ގެ ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ގުރޫޕް އެލްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު އެންމެ ކުޅުނު މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޕޯޗުގަލް އިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވެސް ޕޯޗުގަލް އިން ވަރުގަދަކޮށް ފެށި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ކްރޮއޭޝިއާ އިންނެވެ.މިލަނޑު ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް އިވާން ޕެރަސިޗް އެވެ. އަދި މިލަނޑާއެކު ޕޯޗުގަލް އިން އެއްފަހަރާ ހަތަރު ބަދަލުގެނައިއިރު، މެޗުގެ 61 ވަނަ މިނެޓުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ.
ނަމަވެސް އޭގެ ހަތް މިނެޓް ފަހުން އެޓީމަށް ލިބުނު ޕެނަލްޓީއެއްގައި ރޮނާލްޑޯ ވަނީ ޕޯޗުގަލްއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ މިފަހަރުގެ ވޯލްޑްކަޕްގައި ކުޅުނު ހަތަރު މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ. އަދި މިމެޗުގައި ޕޯޗުގަަލް އިން ފުރަތަމަ ފަހަރަށް ލީޑު ހޯދި ލަނޑު މެޗުގެ އިތުރުވަގުތުގެ ގޮތުގައި 10 މިނެޓުގެ ތެރެއިން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފޯވާޑް ގޮންކާލޯ ރާމޮސް އެވެ.
މިލަނޑާއެކު ޕޯޗުގަލް ކުރީގައި އޮވެގެން މެޗު ނިމެންދަނިކޮށް އިތުރު ވަގުތުގެ 10 މިނެޓުގެ އިތުރަށް އިތުރު ދެމިނެޓު ކުޅުނު ފަހުން ކްރޮއޭޝިއާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު މުބާރާތުގެ ރައުންޑް އޮފް 16 ގައި ޕޯޗުގަލް އިން ނުކުންނާނީ ސްޕެއިނާއި ދެކޮޅަށެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 00:00 ގައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ފަހަތުން އަރައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ރައުންޑް އޮފް 16 އިން ޖާގަ ހޯދައިފި

ވޯލްޑްކަޕް: ފަސޭހަކަމާއެކު އޮސްޓްރިއާ ބަލިކޮށް ސްޕެއިން، ރައުންޑް އޮފް 16 އަށް

ވޯލްޑްކަޕް: ފަސޭހަކަމާއެކު ސްވިޑެން އަތުން ފްރާންސް މޮޅުވިއިރު، އެމްބާޕޭ ލަނޑު ލިސްޓުގެ ކުރިއަށް




