
--
ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލަރ ސްވިފްޓް އާއި އެންއެފްއެލް ގެ ތަރި ޓްރެވިސް ކެލްސީ ކައިވެނިކޮށްފިއެވެ.

ނިއުޔޯކް ސިޓީގެ މަޝްހޫރު މެޑިސަން ސްކުއަރ ގާޑަންގައި ހުކުރު ދުވަހު ބޭއްވި މި ކައިވެނީގެ ހަފްލާއަކީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ހަފްލާއެވެ.
ކައިވެނި ނިމުމާއެކު، އެރީނާގެ ބޭރުގައި ހުރި ބޮޑެތި ސްކްރީންތަކުން އާންމުންނަށް ވަނީ މި ޚަބަރު ދައްކާލާފައެވެ.

މި ޚާއްޞަ ކައިވެނީގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްދިނީ މަޝްހޫރު ކޮމެޑީ އެކްޓަރު އެޑަމް ސޭންޑްލަރ އެވެ.
ކައިވެނީގެ ރަސްމިއްޔާތުގައި ބްރައިޑްސްމެއިޑުންނާއި ގްރޫމްސްމެންގެ ގޮތުގައި އިތުރު ބަޔަކު ބައިވެރިނުވާއިރު، ޓޭލަރގެ "މޭން އޮފް އޮނާ" އަކަށް ހުރީ އޭނާގެ ކޮއްކޮ އޮސްޓިންއެވެ. އަދި ޓްރެވިސްގެ ބެސްޓް މޭން އަކީ އޭނާގެ ބޭބެ ޖޭސަން ކެލްސީއެވެ.
ކައިވެނީގެ ރަސްމިއްޔާތުގައި ޓޭލަރާއި ޓްރެވިސް ލައިގެން ތިބީ ޖޮނަތަން އެންޑަސަން ޑިޒައިންކުރި ކްރިސްޓިއަން ޑިއޯ ހެދުމެވެ.
މި ކައިވެނީގެ ހަފްލާއަށް ގާތްގަނޑަކަށް 1,000 އެއްހާ މެހެމާނުންނަށް ދައުވަތު ދީފައިވާއިރު، އޭގެ ތެރޭގައި ދުނިޔޭގެ އެކި ދާއިރާތަކުގެ މަޝްހޫރު ގިނަ ތަރިންތަކެއް ހިމެނެއެވެ.
ހަފްލާގެ ސިއްރު ހިފެހެއްޓުމުގެ ގޮތުން ހަފްލާގެ ތެރެއަށް ފޯނު ވެއްދުން މަނާކޮށްފައިވާއިރު، މި ހަފްލާގައި ލެޖެންޑަރީ ލަވަކިޔުންތެރިޔާ ސްޓީވީ ނިކްސް އަދި ޓިމް މެކްގްރޯ ލަވަ ހުށަހަޅައިދިން ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ކައިވެންޏާ ގުޅިގެން މެޑިސަން ސުކުއަރ ގާޑަންގެ ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ ވަރަށް ވަރުގަދަކޮށް، ބައެއް މަގުތައް ވެހިކަލްތަކަށް ބަންދުކުރި ނަމަވެސް، އެތައް ހާސް ފޭނުންނެއް ވަނީ ގަދަ ހޫނުގައި ވެސް ދެތަރިންގެ ފެނިލުމެއް ލިބޭތޯ އެ ސަރަހައްދަށް އެއްވެފައެވެ.
މި އުފާވެރި މުނާސަބަތާ ގުޅިގެން ނިއުޔޯކްގެ މަޝްހޫރު އެމްޕަޔަރ ސްޓޭޓް ބިލްޑިންގ ވެސް ވަނީ "ލައިޓް ބްލޫ ސްޕާކްލް" ކުލައިން ދިއްލާލާފައެވެ. މި ކައިވެންޏަކީ މުޅި އެމެރިކާގެ "ޝާހީ ކައިވެނީގެ" ގޮތުގައި ގިނަ ބަޔަކު މިހާރު ސިފަކުރަމުންދާ ކައިވެންޏެވެ.






