
--
މަޝްހޫރު މޮޑެލް އަދި ސޯޝަލް މީޑިއާ އިންފްލުއެންސަރ ނާރާ ސްމިތު، އޭނާގެ 2 އަހަރުގެ ދަރިފުޅު ވިމްސީ ލޫ އަށް ކެންސަރު ޖެހިފައިވާކަން ހާމަކޮށްފިއެވެ.

އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ނާރާ ބުނީ، އޭނާ އަދި ފިރިމީހާ ލަކީ ބްލޫ ސްމިތަށް ދަރިފުޅުގެ ފަރާތުން މި ބަލީގެ ފުރަތަމަ ނިޝާންތައް ފެނިގެން ޑޮކްޓަރަށް ދެއްކީ ވޭތުވެދިޔަ އަހަރުގެ ފަހުކޮޅުގައި ކަމަށެވެ. ނަމަވެސް، ދަރިފުޅަށް ޖެހިފައިވަނީ ކޮން ކަހަލަ ކެންސަރެއްކަން އޭނާ ސީދާ ހާމައެއް ނުކުރެއެވެ.
ނާރާ ކިޔައިދިން ގޮތުގައި، ދަރިފުޅުގެ ހަށިގަނޑުން ޝައްކުކުރެވޭ ކަމެއް ފެނިގެން ފުރަތަމަ އެމަޖެންސީ ރޫމަށް ދެއްކުމުން ޑޮކްޓަރުންނަށް އެއީ ކޮން އެއްޗެއްކަން ދެނެގަންނާކަށް ނޭނގުނެވެ. އެއަށްފަހު، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަށް ދެއްކުމުން، ޑޮކްޓަރު މާ ބޮޑަށް ހިމޭންވެ މަޑުމައިތިރިވުމުން، މައެއްގެ އިހުސާސާއެކު ދަރިފުޅަށް ކެންސަރު ޖެހިފައިވާކަން އޭނާއަށް އޭރުވެސް ވިސްނުނެވެ. އެކްސް-ރޭ އާއި ބަޔޮޕްސީގެ ޓެސްޓުތަކަށްފަހު، ދަރިފުޅަށް ކެންސަރު ޖެހި، ބަލި ފެތުރިފައިވާ ކަމަށާއި، ވަގުތުން ކީމޯތެރަޕީ ފަށަން ޖެހޭކަން ޑޮކްޓަރުން އެންގިއެވެ.
މި ހިތްދަތި ދުވަސްވަރު ހަތަރު ކުދިންގެ މަންމަ ކަމަށްވާ ނާރާ ހާމަކުރި ގޮތުގައި، ދާދިފަހުން ވިހެއުމަށްފަހު ހަށިގަނޑު ރަނގަޅުވަމުންދިޔަ ދަނޑިވަޅެއްގައި، ބަލި ދަރިފުޅާއެކު ހޮސްޕިޓަލުގައި ގިނަ ވަގުތު ހޭދަކުރަމުން، ގޭގައި ތިބި އެހެން ކުދިން ބެލުމާއި މަސައްކަތްތައް ބެލެންސް ކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވިއެވެ.
އޭނާ ސޯޝަލް މީޑިއާއިން ފެންނަވަރު މަދުވީ ވެސް މި ސަބަބާ ހުރެއެވެ. ނާރާ ބުނީ މި ވީޑިއޯ ހިއްސާކުރީ އެހެން އާއިލާތަކަށް ހިތްވަރު ދިނުމަށާއި، ކުދިންގެ ހަށިގަނޑުން އެފަދަ އެއްވެސް ނިޝާނެއް ފެނިއްޖެނަމަ ފަރުވާކުޑަނުކޮށް ޑޮކްޓަރަށް ދެއްކުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.
ގުޅުންހުރި

"މިނިއަންސް" ގެ އުފެއްދުންތެރިންގެ އާ އެނިމޭޓެޑް ފިލްމު "ނޮޓް އެލޯން" ގެ ފުރަތަމަ ޓްރެއިލަރ ދައްކާލައިފި

ދަރިފުޅަށް ކެންސަރު ޖެހިފައިވާކަން އެނގުނު ރޭގެ ހަނދާންތައް ނާރާ ހިއްސާކޮށްފި!

ޓޭލަރ އާއި ޓްރެވިސްގެ ސިއްރު ކައިވެނި




