
"މިނިއަންސް" ގެ އުފެއްދުންތެރިންގެ އާ އެނިމޭޓެޑް ފިލްމު "ނޮޓް އެލޯން" ގެ ފުރަތަމަ ޓްރެއިލަރ ދައްކާލައިފި
# ހޮލީވުޑް--
"މިނިއަންސް" އާއި "ސިންގް" ފަދަ މަގުބޫލު ފްރެންޗައިޒްތައް ބެލުންތެރިންނަށް ގެނެސްދިން "އިލޫމިނޭޝަން" ސްޓޫޑިއޯއިން، އޭލިއަނުންގެ ވާހަކައަކަށް ބިނާކޮށް އުފައްދާ އާ އެނިމޭޓެޑް ފިލްމު "ނޮޓް އެލޯން" ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފިއެވެ.

މި ފިލްމުގެ މައިގަނޑު ރޯލުތަކުން އަޑުއަޅާދެނީ ހޮލީވުޑްގެ މަގުބޫލު ތަރިން ކަމަށްވާ ޓިމޮތީ ޝެލަމޭ އާއި ސެލީނާ ގޯމޭޒް އެވެ. މިއީ ޓިމޮތީ އެނިމޭޝަން ފިލްމަކަށް އަޑުއަޅައިދޭ ފުރަތަމަ ފަހަރެވެ.
މި ފިލްމުގައި ޓިމޮތީ އަޑުއަޅައިދެނީ "ޖޯ" ނަމަކަށް ކިޔާ، އެކަނިވެރި ދިރިއުޅުމަކަށް ލޯބިކުރާ ރޮކެޓް މެކޭނިކެއްގެ ރޯލަށެވެ. އަދި ސެލީނާ އަޑުއަޅައިދެނީ ގަސްގަހާގެހިން ހަކަތަ އުފައްދައިގެން ދުއްވާ ދުނިޔޭގެ ފުރަތަމަ ރޮކެޓް އުފައްދާ މޮޅު އެސްޓްރޯ-ބޮޓަނިސްޓް "ފްރޭން" ގެ ރޯލަށެވެ.
މި ދެމީހުން އެކުގައި މި އާ ރޮކެޓް އުދުއްސާލުމަށް ތައްޔާރުވަމުންދަނިކޮށް، ދެމީހުންގެ ދެމެދުގައި ލޯބީގެ ޝުޢޫރުތަކެއް އުފެދެއެވެ. ނަމަވެސް، މި ދެމީހުންނަކީ ވެސް ލޯބީގެ ކަންކަމަށް އެހާ ފަރިތަ ބައެއް ނޫނެވެ.
ދިރިއުޅުން އިތުރަށް ބުރަވެގެންދަނީ، ޒެންޑްރޯ ނަމަކަށް ކިޔާ ގާނޫނު ތަންފީޒުކުރާ އޮފިސަރެއްގެ ކިބައިން ސަލާމަތްވާން އުޅޭ ތިން ކުޑަކުޑަ، ލާނެތް އޭލިއަނުންތަކެއް ޖޯގެ ގެއިން ހިމާޔަތް ހޯދުމުންނެވެ. މި އޭލިއަނުން ގަބޫލުކުރާ ގޮތުގައި އެނބުރި އެމީހުންގެ އާއިލާ ކައިރިއަށް ދިއުމަށް އޮތް ހަމައެކަނި މަގަކީ ފްރޭން އުފެއްދި ރޮކެޓެވެ.
މި ފިލްމުގެ އޭލިއަނުންނަށް އަޑުއަޅައިދެނީ އިނގިރޭސި ކޮމެޑީ އެކްޓަރުން ކަމަށްވާ ރޮބް ބްރައިޑަން، ޑިއާން މޯގަން އަދި ޖޭމީ ޑެމެޓްރިއޫ އެވެ. އަދި އޮފިސަރު ޒެންޑްރޯގެ ރޯލަށް އަޑުއަޅައިދެނީ "ޓެޑް ލާސޯ" ގެ ތަރި ބްރެޓް ގޯލްޑްސްޓީން އެވެ.
އިލޫމިނޭޝަން އާއި ޔުނިވާސަލް ޕިކްޗާސް ގުޅިގެން ނެރޭ މި ފިލްމު ސިނަމާތަކަށް އަންނާނީ 2027 ވަނަ އަހަރުގެ އެޕްރީލް 16 ގައެވެ.
ގުޅުންހުރި

"މިނިއަންސް" ގެ އުފެއްދުންތެރިންގެ އާ އެނިމޭޓެޑް ފިލްމު "ނޮޓް އެލޯން" ގެ ފުރަތަމަ ޓްރެއިލަރ ދައްކާލައިފި

ދަރިފުޅަށް ކެންސަރު ޖެހިފައިވާކަން އެނގުނު ރޭގެ ހަނދާންތައް ނާރާ ހިއްސާކޮށްފި!

ޓޭލަރ އާއި ޓްރެވިސްގެ ސިއްރު ކައިވެނި




