
--
ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާންގެ އާއިލާއާއި މަޝްހޫރު ކޮރިއޯގްރާފަރު އަދި ޑައިރެކްޓަރު ފަރާ ޚާނާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ.

2004 ވަނަ އަހަރު "މޭ ހޫނާ" އިން ޝާހްރުކް ގޮވައިގެން ޑައިރެކްޝަނަށް ނުކުތް ފަރާ، މިވަނީ ޝާހްރުކްގެ ދަރިފުޅު އަރްޔަން ޚާންގެ ފުރަތަމަ އުފެއްދުމުގައި މަސައްކަތްކޮށް، އޭނާގެ ކެރިއަރުގެ ބޮޑު ބުރެއް ފުރިހަމަކޮށްފައެވެ.
ޝޭޚަރް ސުމަން ހުށަހަޅައިދޭ މަގުބޫލު ޓޯކްޝޯ "ޝޭޚަރް ޓުނައިޓް" ގައި ވާހަކަދައްކަމުން ފަރާ ޚާން ވަނީ، އަރްޔަން ޚާން ޑައިރެކްޓްކުރި ފުރަތަމަ ސީރީޒް "ދަ ބާސްޓަޑްސް އޮފް ބޮލީވުޑް"ގައި ހިމެނޭ ޚާއްޞަ ލަވަޔެއް ކަމަށްވާ "ގަފޫރު" ގެ ކޮރިއޯގްރަފީ ހަދައިދިންގޮތުގެ ވާހަކަ ފަޚުރުވެރިކަމާއެކު ހިއްސާކޮށްފައެވެ.
"އަހަރެން ކެރިއަރު ފެށީ ޝާހްރުކް އާއެކު. އަދި މިހާރު މިވަނީ އަރްޔަންގެ ފުރަތަމަ ސީރީޒްގެ ލަވަޔެއް ކޮރިއޯގްރާފް ކޮށްދެވިފައި. މިއީ މި ބުރު ފުރިހަމަވުން ކަމަށް ގަބޫލުކުރަން އަދި މިކަމާ ވަރަށް އުފާވޭ،" ފަރާ ބުންޏެވެ.
ޝަޝްވަތު ސަޗްދޭވް މިއުޒިކް ތައްޔާރުކޮށް، ޝިލްޕާ ރާއޯ އާއި އުޖްވަލް ގުޕްތާ ކިޔާފައިވާ މި ފޯރިގަދަ ލަވައިން ފެނިގެންދާނީ ބަތަލާ ތަމަންނާ ބާޓިއާ އެވެ. އަދި އޭނާއާއެކު ބޮލީވުޑްގެ ތަރިން ކަމަށްވާ ރަންޖީތު، ޝަކްތީ ކަޕޫރު އަދި ގުލްޝަން ގްރޯވަރު ވެސް މި ލަވައިން ފެންނިގެންދެއެވެ.
ބައްޕަ ކެމެރާގެ ކުރިމަތިން ރަސްކަން ކުރަމުންދާއިރު، އަރްޔަން ޚާން އިޚްތިޔާރުކުރީ ކެމެރާގެ ފުރަގަހެވެ. ރެޑް ޗިލީޒް އެންޓަޓެއިންމަންޓްގެ ދަށުން ގޯރީ ޚާން ޕްރޮޑިއުސްކުރި މި ސީރީޒްގެ މައިގަނޑު ރޯލުތަކުން ބޮބީ ޑިއޯލް، ލަކްޝްޔާ، ރާގަވް ޖުޔަލް އަދި މޯނާ ސިންގް ފެނިގެންދެއެވެ.






