
--
ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާން، މިދިޔަ އަހަރުގެ ޖެނުއަރީ މަހު އޭނާގެ ގޭގައި ހިނގާދިޔަ ބިރުވެރި ހާދިސާގެ ވާހަކަ ފުރަތަމަ ފަހަރަށް ތަފްސީލުކޮށް ކިޔައިދީފިއެވެ.

މި ހާދިސާގައި ސައިފްގެ ގެއަށް ވަގަކު ވަދެ، އޭނާގެ ހަގު ދަރިފުޅު ޖޭ އާއި އާއިލާ ރަހީނުކޮށް ވަޅިން ހަމަލާދީފައިވެއެވެ.
ބަރްޚާ ދަތުގެ "މޯޖޯ ސްޓޯރީ" ޕްރޮގްރާމްގައި ވާހަކަދައްކަމުން ސައިފް ބުނީ، އެމީހާ ދަރިފުޅު ޖޭގެ ކޮޓަރިއަށް ވަދެ ޖޭ ހިފަހައްޓައިގެން ވަޅި ހިފައިގެން ފައިސާއަށް އެދި ހުރި ކަމުގެ ޚަބަރު ދިނީ ކުއްޖާ ބަލަން ހުންނަ ނެނީ ކަމަށެވެ.
އޭރު އެމީހާގެ ވަޅިން ޖޭގެ ހަށިގަނޑު ކޮންމެސް ވަރަކަށް ކަޑައިގެން ގޮއްސަ ހުރި މަންޒަރު ފެނުމާއެކު އެއްވެސް ޖެހިލުމެއްނެތި އެމީހާގެ ކައިރިން ދަރިފުޅު ސަލާމަތްކުރަން މަސައްކަތްކުރި ކަމަށް ސައިފް ބުންޏެވެ. އަަދި އެމީހާގެ އަތުގައި އޮތް ދެ ވަޅިން ސައިފްގެ ހަށިގަނޑުގެ 6 ތަނަކަށް ވަޅި ހެރުނެވެ. އޭގެ ތެރެއިން އެއް ވަޅި ހެރުނީ އޭނާގެ މައިބަދައާއި ވަރަށް ކައިރިއަށެވެ.
ސައިފް ބުނިގޮތުގައި، މުޅި ހަށިގަނޑުން ލޭއޮހޮރި، އޭނާ ލައިގެން ހުރި ހުދު ކުރުތާ ލެއިން ތަތްތެޅި، ބިމަށް ވެއްޓުނު ވަގުތު އޭނާއަށް ހީވީ މަރުވަނީ ކަމަށެވެ.
އަދި އެ ވަގުތު އޭނާގެ ދޮށީ ދަރިފުޅު ތައިމޫރު، "ބައްޕަ މަރުވަނީތަ؟" އޭ ބުނެ ކުރި ސުވާލުން އޭނާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ނަމަވެސް ދަރިފުޅަށް ހިތްވަރުދީ، ތައިމޫރު ގޮވައިގެން ސައިފް ހޮސްޕިޓަލަށް ދިޔައެވެ.
މި ހަމަލާދިން މީހާއަކީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ޝަރީފުލް އިސްލާމް އެވެ. އޭނާ ވަނީ ހާދިސާ ހިނގިތާ ތިން ދުވަސް ފަހުން ހައްޔަރުކޮށްފައެވެ. ސައިފް ވާހަކަ ނިންމާލަމުން ބުނީ، އިންސާނިއްޔަތުގެ ގޮތުން އެމީހާއަށް މާފުކުރަން ބޭނުންވި ނަމަވެސް، އޭނާ މަރާލަން އުޅުނު ހަނދާންތައް ހިތުން ފޮހެލަން އަދިވެސް އުނދަގޫ ކަމަށެވެ.






