
ވޯލްޑްކަޕް: ޕެނަލްޓީގައި ޕެރަގުއޭ އަތުން ބަލިވެ ޖަރުމަނު މުބާރާތުން ކަޓައިފި
# ފީފާ ވޯލްޑްކަޕް 2026# ބޭރު ދުނިޔޭގެ ކުޅިވަރުޕެރަގުއޭ އާއި ޖަރުމަނު ވާދަކުރި މެޗުގެ ތެރެއިން..
ފީފާ ވޯލްޑްކަޕް ރައުންޑް އޮފް 32ގައި މިރޭ ޕެރަގުއޭ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާނެރުމަށް ޖެހި ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުން ބަލިވެ ޖަރުމަނު މުބާރާތުން ކަޓައިފިއެވެ.

މުބާރާތުގެ ރައުންޑް އޮފް 32 އިން ޖަރުމަނު ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ގުރޫޕް އީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ޕެރަގުއޭ މުބާރާތުގެ ރައުންޑް އޮފް 32 އިން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ގުރޫޕް ޑީގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު އެންމެ ފަހުން 2013 އަހަރު ވާދަކުރި މެޗު ނިމިފައިވަނީ 3-3 ގެ ނަތީޖާއަކުންނެވެ.
މުޅި މެޗުގައި ވެސް ގިނަ ވަގުތު ހިފަހައްޓައިގެން ކުޅެ ޖަރުމަނުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޕެރަގުއޭ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފިލްޑަރު ޖޫލިއޯ އެންސީސޯ އެވެ.
ޖަރުމަނު މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފު ފެށިގެން ނުވަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ކައި ހާވަޓްޒް އެވެ. އަދި މިލަނޑާއެކު މެޗުގެ 90 މިނެޓު ހަމަވެ އިތުރަށް ކުޅުނު 15 މިނެޓުގެ ދެހާފުގެ ކުޅުން ވެސް ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޖަރުމަނުގެ ހަ ޕެނަލްޓީގެ ތެރެއިން އެޓީމުން ތިން ޕެނަލްޓީ ކާމިޔާބުކުރިއިރު، ޕެރަގުއޭ އިން ޖެހި ހަ ޕެނަލްޓީގެ ތެރެއިން އެޓީމުން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.
މިނަތީޖާއެކު މުބާރާތުގެ ރައުންޑް އޮފް 16 ގައި ޕެރަގުއޭ އިން ވާދަކުރަން ޖެހޭނީ މުބާރާތުގެ ރައުންޑް އޮފް 32 ގައި މާދަމާ ރޭ ފްރާންސް އާއި ސްވިޑެން ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.
ގުޅުންހުރި

ވޯލްޑްކަޕް: ޕެނަލްޓީގައި ޕެރަގުއޭ އަތުން ބަލިވެ ޖަރުމަނު މުބާރާތުން ކަޓައިފި

ވޯލްޑްކަޕް: ފަހަތުން އަރައި ބްރެޒިލް އިން ޖަޕާން ބަލިކޮށްފި

ވޯލްޑްކަޕް: ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ދެކޮނު އެފްރިކާ ބަލިކޮށް ކެނަޑާ ރައުންޑް އޮފް 16 އަށް




