logoEN
WAMCO TOP 1
ވޯލްޑްކަޕް: ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ދެކޮނު އެފްރިކާ ބަލިކޮށް ކެނަޑާ ރައުންޑް އޮފް 16 އަށް

ވޯލްޑްކަޕް: ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ދެކޮނު އެފްރިކާ ބަލިކޮށް ކެނަޑާ ރައުންޑް އޮފް 16 އަށް

ހަސަން ޝަމްއޫން

logo

6/28/2026, 10:16:59 PM

# ފީފާ ވޯލްޑްކަޕް 2026# ބޭރު ދުނިޔޭގެ ކުޅިވަރު

ސައުތު އެފްރިކާއި ކެނެޑާ ވާދަކުރި މެޗުގެ ތެރެއިން..

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް 32 ގެ ފުރަތަމަ މެޗުގައި މިރޭ ދެކުނު އެފްރިކާ 1-0 ގެ ނަތީޖާއަކުން ބަލިކޮށް ކެނެޑާ އިން މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

THE TRAVELLER AD

މިއީ ކެނެޑާގެ ތާރީހުގައި ވެސް އެ ޓީމު ވޯލްޑް ކަޕްގެ ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދި ފުރަތަމަ ފަހަރެވެ. ކެނެޑާއިން މިހާތަނަށް އައިއިރު، ތިން ވޯލްޑް ކަޕް ކުޅެފައިވާއިރު، އެ ޓީމު އެންމެ ފުރަތަމަ ކުޅެފައިވަނީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕުގައެވެ. އެފަހަރުގެ މުބާރާތުގައި ގްރޫޕް ސްޓޭޖުން ކެޓީ ކުޅުނު އެއްވެސް މެޗަކުން މޮޅު ނުވެއެވެ. އޭގެ ފަހުން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި ވެސް އެ ޓީމު މުބާރާތް ނިންމާލީ މެޗަކުން މޮޅުނުވެ ގުރޫޕް ސްޓޭޖާއި ހަމައިންނެވެ.

ނަމަވެސް، މިފަހަރުގެ މުބާރާތުގައި ކެނަޑާ އިން ނުކުތީ އެހުރިހާ ކަމެއް ހަނދާން ނައްތާލުމަށް ފަހު، މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމުގެ އަޒުމުގައެވެ. އަދި ތާރީހުގައި ފުރަތަމަ ފަހަރަށް ކެނެޑާ އިން ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔައީ ގްރޫޕް ބީގެ ދެވަނަ ހޯދައިގެންނެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކެނަޑާ ކުޅުނު ފުރަތަމަ މެޗުގައި ބޮސްނިއާ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ގަތަރު ބަލިކޮށްފައެވެ. އަދި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްވިޒަލެންޑް އަތުން ކެނަޑާ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

ސައުތު އެފްރިކާ މުބާރާތުގެ ރައުންޑް އޮފް 32 ގެ ޖާގައެއް ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މުބާރާތުގައި ސައުތު އެފްރިކާ ކުޅުނު ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން މެކްސިކޯ އަތުން ބަލިވެފައިވާއިރު، ދެވަނަ މެޗުގައި ޗެކް ރިޕަބުލިކް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ސައުތު ކޮރެއާ ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ސައުތު އެފްރިކާ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ކެނެޑާގެ އެޓޭކުތައް ފެނުނީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން މިހާފުގައި ކެނަޑާއިން ސައުތު އެފްރިކާގެ ގޯލަށް 11 ހަމަލާއެއް ފޮނުވާލިއިރު، އޭގެ ތެރެއިން ހަތަރު ހަމަލާއް ވަނީ ގޯލާއި އަމާޒުވެފައެވެ. އަދި މިހާފުގައި ސައުތު އެފްރިކާ ޓީމުން ކެނަޑާގެ ގޯލަށް ފަސް ހަމަލާއެއް ފޮނުވާލިއިރު އޭގެތެރެއިން ގޯލާއި އަމާޒުކޮށްލެވުނީ އެންމެ ހަމަލާއެކެވެ.

މެޗުގެ ދެވަނަ ހާފުގައި ކެނަޑާއިން ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައެވެ.މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ސްޓެފަން އެސްޓާކިއޯ އެވެ.

މުބާރާތުގެ ރައުންޑް އޮފް 16 ގައި ކެނަޑާ ވާދަކުރަން ޖެހޭނީ ރައުންޑް އޮފް 32 ގައި މިމަހުގެ30 ވަނަ ދުވަހުގެ ހެނދުނު ނެދަލޭންޑްސް އާއި މޮރޮކޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ކޮމެންޓް
ފަހުގެ
HDC