
ވޯލްޑްކަޕް: ކޮލަމްބިއާ އާއި ޕޯޗުގަލް އެއްވަރުވިއިރު، ކޮންގޯ އިން އުޒްބެކިސްތާން ބަލިކޮށްފި
# ފީފާ ވޯލްޑްކަޕް 2026# ބޭރު ދުނިޔޭގެ ކުޅިވަރުކޮލަމްބިއާއި ޕޯޗުގަލް ވާދަކުރި މެޗުގެ ތެރެއިން
ވޯލްޑްކަޕް ކޮލިފައިން ގުރޫޕް ކޭގައި މިރޭ ޕޯޗުގަލް އާއި ކޮލަމްބިއާ ވާދަކުރި މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނުއިރު، މިގުރޫޕްގައި އުޒްބެކިސްތާނާއި ޑީއާރު ކޮންގޯ ވާދަކުރި މެޗު ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ކޮންގޯ އިން ކާމިޔާބުކޮށްފިއެވެ.

އިންޓަ މިއާމީގެ ހާޑްރޮކް ސްޓޭޑިއަމްގައި ކޮލަމްބިއާ އާއި ޕޯޗުގަލް ވާދަކުރި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ ކޮލަމްބިއާ އިން މެޗު ޑޮމިނޭޓްކުރިއިރު، މިމެޗު ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކޮލަމްބިއާގެ ޑިފެންޑަރު ޑެވިންސަން ސަންޗޭޒް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ.

އުޒްބެކިސްތާނާއި ކޮންގޯ ވާދަކުރި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އުޒްބެކިސްތާން އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އެލްޑާރ ޝޮމުރޮޑޫވް އެވެ.
ކޮންގޯ އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފޯވާޑް ޔޯން ވިސާ އެވެ. އަދި އޭގެ 10 މިނެޓު ފަހުން ކޮންގޯގެ ތަޖުރިބާކާރު ފޯވާޑް ފިސްޓަން މަޔޭލޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދީފައެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ވިސާ އެވެ.
މިނަތީޖާތަކާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ކޮލަމްބިއާ އިން ހޯދިއިރު، ދެވަނަ ލިބުނީ ތިން މެޗުން ފަސް ޕޮއިންޓް ހޯދި ޕޯޗުގަލްއަށެވެ. އަދި ތިންވަނަ ލިބުނީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދި ކޮންގޯއަށެވެ. އަދި ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އުޒްބެކިސްތާނުން މުބާރާތް ނިންމާލީ ގުރޫޕްގެ ފުލުގައި އޮވެއެވެ.
މުބާރާތުގެ ރައުންޑް އޮފް 32 ގައި ކޮލަމްބިއާ އިން ނުކުންނާނީ ގުރޫޕް އެލްގެ ތިންވަނަ ހޯދި ގާނާ އާއި ދެކޮޅަށެވެ. އަދި ރައުންޑް އޮފް 32 ގައި ޕޯޗުގަލް އިން ނުކުންނާނީ ގުރޫޕް އެލްގެ ދެވަނަ ކްރޮއޭޝިއާ އާއި ދެކޮޅެވެ. އަދި ގުރޫޕް ކޭގެ ތިންވަނަ ހޯދި ކޮންގޯ އިން ރައުންޑް 32 ގައި ނުކުންނާނީ ގުރޫޕް އެލްގެ އެއްވަނަ ހޯދި އިންގްލޭންޑާއި ދެކޮޅަށެވެ.
ގުޅުންހުރި

ވޯލްޑްކަޕް: ކޮލަމްބިއާ އާއި ޕޯޗުގަލް އެއްވަރުވިއިރު، ކޮންގޯ އިން އުޒްބެކިސްތާން ބަލިކޮށްފި

ވޯލްޑްކަޕް: ރޮނާލްޑޯ ރެކޯޑް ހެދިއިރު، އުޒްބަކިސްތާން އަތުން ޕޯޗުގަލްއަށް ފަސޭހަ މޮޅެއް

ވޯލްޑްކަޕް: ވާދަވެރި ކުޅުމަކަށްފަހު ނޯވޭ އިން ސެނަގާލް ބަލިކޮށްފި




