
-
ފްލެޓާއި ގޯތި ލިބޭ ހައްގުވެރިންގެ ލިސްޓު މިއަހަރުގެ ތެރޭގައި އާންމުކުރަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއު "ބޯހިޔާވަހިކަން އެންމެނަށް" ސްކީމުގެ ދަށުން ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު އިއުލާނުކުރާނެ ތާރީޚަކާ ގުޅޭގޮތުން، ރައީސް ސިލްސިލާކޮށް ކޮންމެ ހޯމަ ދުވަހަކު ބާއްވަވަމުން ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި އެ ލިސްޓު އާންމުކުރުން ކަމަށެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުއަކީ އެތައް ހާސް ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގުޅިފައިވާ ކަމަކަށް ވާއިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ލިސްޓު ނެރުމުގެ ތާވަލު ކަމާބެހޭ ފަރާތްތަކުން ރަސްމީކޮށް އިއުލާނުކުރާނެ ކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ.
ރައީސް ވަނީ މީގެ ކުރީގެ ސަރުކާރުތަކުގައި ފްލެޓާއި ގޯތި ދިނުމުގައި ނުފޫޒު ބޭނުންކޮށްފައިވާކަން ފާހަގަކުރައްވައި، މި ސަރުކާރުން އެފަދަ އެއްވެސް ނުފޫޒެއްނެތި، ހާމަކަން ބޮޑު ގޮތެއްގައި މިކަން ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. މިހާރު މި ސްކީމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވެފައިވާއިރު، މިވަގުތު ކުރިއަށްދަނީ ހުށަހަޅާފައިވާ ފޯމުތަކުގެ ތަފްސީލުތައް ރަނގަޅަށް ވެރިފައި ކުރުމުގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ވެރިފިކޭޝަން މަރުހަލާ ނިމުމުން، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ޕޮއިންޓުތައް ލިބިގެން، ހައްގުވެރިންނަށް ގޯއްޗާއި ފްލެޓު ކަށަވަރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގައި ތަރައްޤީކުރަމުންދާ ފްލެޓުތަކުގެ އަމަލީ މަސައްކަތުގެ އަދާހަމަ ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތަރައްޤީކުރާ ފްލެޓުތަކުގެ ފައުންޑޭޝަންގެ މަސައްކަތްތަކާ ހަމައަށް މިހާރު ވަނީ ގޮސްފައެވެ. މި މަސައްކަތްތައް ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށާއި، 2028 ވަނަ އަހަރުގެ މޭ، ޖޫން ނުވަތަ ޖުލައި ހިސާބުގައި އެތަންތަން ނިންމައި އެތަންތަން ހައްގުވެރިންނަށް ދެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ލިސްޓު އިއުލާނުކުރެވިގެންދާއިރު، ރައްޔިތުންނަށް ވަރަށް ބޮޑަށް ކަންކަން ސާފުވެގެންދާނެއެވެ. އެގޮތުން ކޮންމެ މީހަކަށްވެސް ފްލެޓު ލިބިގެންދަނީ ސަރުކާރުން ހިންގާ ކޮން ޕްރޮޖެކްޓެއްގެ ތެރެއިންކަން އެ ލިސްޓުން ސާފުކޮށް އެނގެން އޮންނާނެ ކަމަށް ވިދާޅުވެ، ރައީސް ވަނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ތަކުރާރުކުރައްވާފައެވެ.
ގުޅުންހުރި

"އަލިފުށީ އެއާޕޯޓާއި ހޮސްޕިޓަލް މަޝްރޫޢު މި ދައުރުގައި ނިންމައި ހުޅުވާނަން"

ޕޭޕަލްގެ ހިދުމަތާ 3،280 ފަރާތަކުން ގުޅިއްޖެ- ރައީސް

އަމާޒަކީ މިއަހަރުގެ ތެރޭގައި ފްލެޓާއި ގޯތީގެ ލިސްޓު އާންމުކުރުން - ރައީސް




