
ޚަރަދު ކުޑަކުރަން ކުންފުނިތައް 'ރައިޓް ސައިޒް' ކުރަން ޖެހިއްޖެ، ރިޔާސީ ވައުދަކާ ޚިލާފެއް ނުވަން: ރައީސް
# ރައީސް މުއިއްޒު-
ޚަރަދު ކުޑަކުރަން ކުންފުނިތައް 'ރައިޓް ސައިޒް' ކުރަން ޖެހިފައިވާ ކަމަށާއި އެއީ ރިޔާސީ ވައުދަކާ ޚިލާފުވުމަށް ކުރަމުންދާ ކަމެއް ނޫންކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދަނީ ރިޔާސީ ވައުދުފުޅާ ޚިލާފަށް ކަމަށް ބުނެ ނޫސްވެރިއަކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަށް ޖަވާބު ދެއްވަމުން، ރައީސް ވަނީ އެއްގޮތަކަށްވެސް ވައުދާ ޚިލާފުވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމަކީ ސިޔާސީ ގޮތުން ކުރާ ކަމެއް ނޫން ކަމަށާއި، އެއީ އެކުންފުނިތަކެއްގެ ހިންގުމުގެ ނިޒާމުގެ ތެރެއިންނާއި އިގްތިސާދީ ހާލަތަށްޓަކައި އަޅަންޖެހުނު ކޮންމެހެން މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.
އެގޮތުން ކުންފުނިތަކުން މުވައްޒަފުން ވަކިކުރާ ސަބަބުތައް ތަފްސީލުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ބައެއް މުވައްޒަފުން ވަކިކުރަނީ ޕްރޮބޭޝަން މުއްދަތުގެ ތެރޭގައި ކުންފުނީގެ މަސައްކަތްތަކަށް ހުރަސްއެޅުމާއި، އަޚްލާގީ ގޮތުންނާއި މަސައްކަތަށް ފަރުވާކުޑަކުރުން ފަދަ ތަބާވާންޖެހޭ ހަމަތަކާ ޚިލާފުވުމުން ކަމަށެވެ. ކުންފުނީގެ ގަވާއިދުތަކާ ޚިލާފުވުމުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ވައުދާ ޚިލާފުވުން ނޫންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް އައި ބަދަލުތަކާއެކު ކުންފުނިތައް 'ރައިޓް ސައިޒް' ކުރުން ނުވަތަ އެކަށީގެންވާ قަދަރަކަށް ބަދަލުކުރުން މާބޮޑަށްވެސް މުހިންމުވެފައިވާ ކަމަށެވެ.
ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، މިއަހަރު ފެށުނުއިރު ދުނިޔެއަށް ކުރިމަތިވި ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް އެކަމުގެ ނޭދެވޭ އަސަރުކޮށް، ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ވަނީ މަޖުބޫރުވެފައެވެ. މިއީ އެއްގޮތަކަށްވެސް އުންމީދު ކުރި ކަމެއް ނޫން ނަމަވެސް، އޭގެ ކުރިންވެސް އެސްއޯއީ އަދި ވުޒާރާތަކުގެ ޚަރަދު ކުޑަކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މި ހާލަތާ ގުޅިގެން މާ ބޮޑުތަނުން އެކަން ކުރަން ޖެހުނީއެވެ. ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސީ މުވައްޒަފުންގެ މުސާރަވެސް ކުޑަކޮށްގެން އުޅޭތާ މިހާރު ދެ އަހަރު ވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތައް ހަމަ މަގަށް އަޅުވައި ރައިޓް ސައިޒް ކުރުމަކީ ރާއްޖޭގެ މާލީ ކުރިއެރުމަށާއި މުސްތަގުބަލަށްޓަކައި އެޅުން ކޮންމެހެން މަޖުބޫރުވެފައިވާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ގައުމުގެ އިގްތިސާދު ސަލާމަތްކޮށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ގާނޫނީ ހަމަތަކުގެ މަތިން ކަންކަން ކުރިއަށް ގެންދިއުމަށް ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ގުޅުންހުރި

"އަލިފުށީ އެއާޕޯޓާއި ހޮސްޕިޓަލް މަޝްރޫޢު މި ދައުރުގައި ނިންމައި ހުޅުވާނަން"

ޕޭޕަލްގެ ހިދުމަތާ 3،280 ފަރާތަކުން ގުޅިއްޖެ- ރައީސް

އަމާޒަކީ މިއަހަރުގެ ތެރޭގައި ފްލެޓާއި ގޯތީގެ ލިސްޓު އާންމުކުރުން - ރައީސް




