
ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުމުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް
ރާއްޖެއަށް އަލަށް ތައާރަފްކުރި ޕޭޕަލްގެ ހިދުމަތާ 3،280 ފަރާތަކުން ގުޅިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މިއީ ކުރީގެ ސަރުކާރުން ކުރަން މަސައްކަތްކުރި ނަމަވެސް ކާމިޔާބުވެފައިނުވި ކަމެއް ކަމަށެވެ.
ނަމަވެސް މި ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެން ކުރި މަސައްކަތުގެ ނަތީޖާ މިހާރު ރައްޔިތުންނަށް ފެންނާނެކަމަށާއި، ދެން މަސައްކަތް ކުރައްވާނީ އެ ހިދުމަތް އިތުރަށް ފުޅާ ކުރަން ކަމަށް ރައީސް ވިދާޅުވި އެވެ. މިހާރުވެސް މިކަަމަށް އޮތް ތަރުހީބު ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ހިދުމަތް ރާއްޖެއަށް ތައާރަފްކުރެވުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައިވެސް 3،280 ފަރާތަކުން އެ ހިދުމަތުގައި ބައިވެރިވުމަށް އެކުންޓް ލިންކުކޮށްފައިވާ ކަމަށެވެ. އަދި 2،159 ފަރާތަކުން ވޮލެޓް އެކްޓިވޭޓްކޮށްފައިވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
"ހަގީގަތުގައި ރާއްޖޭގެ މައިކްރޯ އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ވަރަށް ބޮޑުކުރިއެރުމެއް ލިބޭކަމެއް ދުނިޔޭގެ އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރާ އެއްޗަކީ ޕޭޕަލް ކަމަށްވާއިރު މިކަން ރާއްޖެއަށް ތަޢާރަފުވެގެން ދިޔުމަކީ. ދެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާނީ އިތުރު ކުރިއެރުންތައް ހޯދަމުން މީގެ ތެރެއިން. ޕޭޕަލްއާ ގުޅިގެން، އުރީދުއާ ގުޅިގެން، އަޅުގަނޑުމެން ގެންދާނީ އިތުރު ކަންކަން ތަޢާރަފުކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދަމުން." ރައީސް ވިދާޅުވި އެވެ.
ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް މި މަހުގެ 15 ވަނަ ދުވަހު ރާއްޖެއަށް ތައާރްކޮށްފައިވާއިރު، މިއީ ޒަމާނީ އޮންލައިން ޕޭމަންޓް ސިސްޓަމްތައް ހިމެނޭޙެން އީވޮލެޓް ތައާރަފްކުރުމަށާއި، މާލީ މުއާމަލާތުތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ރައީސް ވެދެއްވި ވައުދުފުޅެކެވެ.
ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ދޭން ފެށީ ޕޭޕަލް އާއި އުރީދޫ އާ ދެމެދު ގާއިމުކޮށްފައިވާ ސީމްލަސް އިންޓަގްރޭޝަންގެ ތެރެއިން އުރީދޫ އެމް-ފައިސާ މެދުވެރިކޮށެވެ. ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ގާއިމުކުރުމާއެކު މިހާރު ރާއްޖެ ހިމެނިގެން ދަނީ މި ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް އިގްތިސޯދުތަކުގެ ލިސްޓުގަ އެވެ.
ގުޅުންހުރި

"އަލިފުށީ އެއާޕޯޓާއި ހޮސްޕިޓަލް މަޝްރޫޢު މި ދައުރުގައި ނިންމައި ހުޅުވާނަން"

ޕޭޕަލްގެ ހިދުމަތާ 3،280 ފަރާތަކުން ގުޅިއްޖެ- ރައީސް

އަމާޒަކީ މިއަހަރުގެ ތެރޭގައި ފްލެޓާއި ގޯތީގެ ލިސްޓު އާންމުކުރުން - ރައީސް




