
ވޯލްޑްކަޕް: ފަސޭހަކަމާއެކު އިރާގް ބަލިކޮށް ފްރާންސް ދެވަނަ ބުރަށް
# ފީފާ ވޯލްޑްކަޕް 2026# ބޭރު ދުނިޔޭގެ ކުޅިވަރުއިރާގައި ފްރާންސް ވާދަކުރި މެޗުގެ ތެރެއިން..
މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ގުރޫޕް އައިގައި ރޭ އިރާގާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެންމެ ފަހުގެ ރަނަރަޕް ފްރާންސް އިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުގައި ސެނަގާލް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ގުރޫޕް ސްޓޭޖުގައި އިރާގު ކުޅުނު ފުރަތަމަ މެޗުގައި ނޯވޭ އާއި ވާދަކޮށް 4-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ފްރާންސް ޓީމުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކިލިއަން އެމްބާޕޭ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެންނެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ގަޑިއެއްހާއިރު، ދެވަނަ ހާފުގެ ކުޅުން ނުފެށި ދިޔައިރު، މެޗުގެ 54 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ފްރާންސްގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މިއީ ވޯލްޑްކަޕްގައި މިހާތަނަށް އެމްބާޕޭ ކާމިޔާބުކުރި 16 ވަނަ ލަނޑެވެ.
މިމެޗުގައި ފްރާންސްގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އުސްމާން ޑެމްބެލޭ އެވެ. މީގެ އިތުރުން ވެސް މިހާފުގައި ފްރާންސްގެ މައިކަލް އޮލީސޭ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން މޮޅުވެ ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ފްރާންސް އޮތްއިރު، މިމެޗުން ބަލިވި އިރާގުން ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.






