
ކައުންސިލްތަކަށް އެހީތެރިވާން އެމްޑީޕީން "އައިއެލްސީ-ޕީޑީއޯ" އޮފީސް ޤާއިމުކޮށް، ޑީޖީއަކަށް ޢަމީރު އައްޔަންކޮށްފި
# އެމްޑީޕީ-
ދިވެހިރާއްޖޭގެ ލޯކަލް ކައުންސިލްތަކަށް ބޭނުންވާ ފަންނީ، މާލީ އަދި އެހެނިހެން އެކިކަހަލަ މަދަދުވެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި "އިންޓަރ-ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑެވަލޮޕްމަންޓް އޮފީސް" (އައިއެލްސީ-ޕީޑީއޯ) ގެ ނަމުގައި ޚާއްޞަ އޮފީހެއް މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓުގައި ޤާއިމުކޮށްފިއެވެ.

އަލަށް އުފެއްދި މި އޮފީހުގެ އެންމެ އިސްވެރިޔާ ނުވަތަ ޑައިރެކްޓަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރު އިބްރާހިމް ޢަމީރެވެ.
މިފަދަ ޚާއްޞަ އޮފީހެއް ޕާޓީގެ ތެރޭގައި އުފެއްދުމަކީ، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ބޭފުޅާގެ ކެމްޕޭނު ތެރޭގައި ވީ އެންމެ މުހިންމު އެއް ވަޢުދުފުޅެވެ. ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގައި ކައުންސިލްތަކަށް ބޭނުންވާ ފަންނީ ލަފާދީ، އެ ފަރާތްތަކަށް މާލީ އެހީތެރިކަން ހޯދޭނެ އައު ގޮތްތަކާއި މަގުތައް ތަނަވަސްކޮށްދިނުމަކީ ޕާޓީގެ ސެކްރެޓޭރިއަޓް މެދުވެރިކޮށް އެންމެ ފުރިހަމައަށް ކުރެވޭނެ ކަމެއް ކަމަށް ރައީސް ނަޝީދު ކެމްޕޭނުގައި ވަނީ ވިދާޅުވެފައެވެ.
މިއީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށްފަހު، ޕާޓީގެ ސެކްރެޓޭރިއޭޓްގެ ދަށުން ހިންގާ ގޮތަށް ރައީސް ނަޝީދު އުފެއްދެވި ދެވަނަ އޮފީހެވެ. މީގެކުރިން އެ ބޭފުޅާ ވަނީ ޕާޓީގެ ސިޔާސީ ހަރަކާތްތަކާއި އިޞްލާޙީ މަސައްކަތްތަކަށް ޚާއްޞަކޮށްގެން "ބޮޑު ބަދަލު" ގެ ނަމުގައިވެސް އޮފީހެއް ޤާއިމުކޮށްފައެވެ.
އެ އޮފީހުގެ ޑައިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނަވަނީ ކުރީގެ ޗެއާޕާސަން ޙަސަން ލަތީފެވެ.
އަލަށް ޤާއިމުކުރެވުނު "އައިއެލްސީ-ޕީޑީއޯ" މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެމްޑީޕީގެ ކައުންސިލަރުންނަށާއި ކައުންސިލްތަކަށް ރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައާއި، ބަޖެޓު ހަމަޖެއްސުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ގުޅުންހުރި

ކައުންސިލްތަކަށް އެހީތެރިވާން އެމްޑީޕީން "އައިއެލްސީ-ޕީޑީއޯ" އޮފީސް ޤާއިމުކޮށް، ޑީޖީއަކަށް ޢަމީރު އައްޔަންކޮށްފި

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާއެކު އެމްޑީޕީން ޙައްލަކަށް ގޮވާލަނީ!

ޕީޖީ ލީޑަރު ނާޒިލް ހިމެނޭހެން އެމްޑީޕީގެ 9 މެންބަރެއްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި




