
-
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބޮޑު ހޫނުވުމެއް އުފެދި، މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހިމެނޭހެން އެ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުން ނަން އިއްވައި މަޖިލީހުން ނެރުނު އެމްޑީޕީގެ ނުވަ މެންބަރުންނަކީ ޕީޖީ ލީޑަރު ނާޒިލްގެ އިތުރުން، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު، ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، މަރަދޫ ދާއިރާގެ މެންބަރު އަޙްމަދުދީދީ، ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލް، އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ޞާލިޙް (ކުޑޫ) އެވެ.
މަޖިލީހުގެ ތަޅުމުގައި މި ހަމަނުޖެހުން ހިނގަން މެދުވެރިވީ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްކަމުގެ މަޤާމަށް މުޙައްމަދު ނިޒާރު އައްޔަންކުރުމަށް ރުހުންދިނުމާ ގުޅޭގޮތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު ތަޅުމަށް ހުށަހެޅި ވަގުތުއެވެ. ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަދި އެ ކޮމިޓީގެ މުގައްރިރު އިބްރާހީމްދީދީ އެ ރިޕޯޓު އިއްވަވަން ފެއްޓެވުމާއެކު، އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެ ނިޒާމު ގެއްލުވާލައި، އަޑުގަދަކޮށް ބޮޑު އިހުތިޖާޖެއް ފަށާފައި އެވެ.
އިހުތިޖާޖުގެ ތެރެއިން އެމްޑީޕީގެ މެންބަރުންގެ ކަންބޮޑުވުންތައް ސާފުކޮށް މީޑިއާތަކަށް އިވޭވަރު ނުވި ނަމަވެސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީން ކަންބޮޑުވުން ފާޅުކުރީ ދާދިފަހުން މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރެއްވި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު ޢަބްދުالله ޞާދިޤު (ސޯބެ) އަށް މަޖިލީހުގެ އެއްވެސް ދާއިމީ ކޮމިޓީއަކުން ޖާގަ ދީފައިނުވާތީ ކަމަށެވެ.
އެމްޑީޕީން ދެކޭގޮތުގައި މިއީ އައު މެންބަރުގެ ޙައްޤުތަކަށް އުނިކަން އަންނަ ގޮތަށް ސަރުކާރު ހިންގާ ޕާޓީގެ މެޖޯރިޓީން ނިންމާފައިވާ ނިންމުމެކެވެ.
އެމްޑީޕީ މެންބަރުންގެ އިހުތިޖާޖާ ގުޅިގެން ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވަނީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި އެ ބޭފުޅުންނަށް ރައްދު ދެއްވާފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާގޮތުން ކޮންމެ މެންބަރަކަށްވެސް މަދުވެގެން ދެ ކޮމިޓީއަކުން ޖާގަ ލިބެންޖެހޭނެ ކަމަށާއި، އެ ޖާގަ ސޯބެއަށްވެސް ދީފައިވާނެ ކަމަށެވެ.
އަދި އެއީ ސީދާ އެމްޑީޕީން ބޭނުންވާ ވަކި ޚާއްޞަ ދެ ކޮމިޓީއަށް ވާކަށް ނުޖެހޭނެ ކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އިދިކޮޅު ނުވަ މެންބަރުންގެ ނަން އިއްވައި ތަޅުމުން ފޮނުވާލުމަށްފަހު، މަޖިލީހުގެ ރިޔާސަތުން ވަނީ މެދުކަނޑާލި އެސްއޯއީ ކޮމިޓީގެ ރިޕޯޓު އިއްވުމުގެ މަސައްކަތް އަލުން ކުރިއަށް ގެންގޮސްފައެވެ.
ގުޅުންހުރި

ކައުންސިލްތަކަށް އެހީތެރިވާން އެމްޑީޕީން "އައިއެލްސީ-ޕީޑީއޯ" އޮފީސް ޤާއިމުކޮށް، ޑީޖީއަކަށް ޢަމީރު އައްޔަންކޮށްފި

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާއެކު އެމްޑީޕީން ޙައްލަކަށް ގޮވާލަނީ!

ޕީޖީ ލީޑަރު ނާޒިލް ހިމެނޭހެން އެމްޑީޕީގެ 9 މެންބަރެއްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި




