
-
ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑޭމް) ގެ މަންދޫބުންނާއެކު، ދިވެހިރާއްޖޭގެ އަޑުއުފުލާ މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު މި މަހުގެ 21 ވަނަ ދުވަހު ބޭއްވި ބައްދަލުވުމަށްފަހު، މާލޭގެ ޓެކްސީ ދާއިރާއަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށް ޑްރައިވަރުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލައިފިއެވެ.

އެމްޑީޕީން ބުނީ، މިހާރު ތަޢާރަފުކޮށްފައިވާ "ޓެކްސީ ލައިން" ގެ ސަބަބުން މާލޭގައި ޚިދުމަތް ދޭ 500 އަށްވުރެ ގިނަ އަމިއްލަ ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކުން ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓްތަކަށް ބެލުމެއްނެތި، އެ ފަރާތްތަކުގެ އާމްދަނީއަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ތަނުގައި ވިލިމާލެ، ގުޅީފަޅު، ގިރާވަރުފަޅު، މާލެ އަދި ހުޅުމާލެ އެއްކޮށް ގުޅިގެންދާއިރު، ޓެކްސީގެ ޚިދުމަތަކީ އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި ވަރަށް ފުޅާކޮށް ހިންގޭނެ ސިނާޢަތެއް ކަމަށެވެ. އެހެންކަމުން މިއީ ސަރުކާރުން އަމިއްލަ ޑްރައިވަރުންނާ ވާދަވެރި ވިޔަފާރިތައް އުފެއްދުމުގެ ބަދަލުގައި، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި ހިތްވަރު ދޭންވީ ވަގުތު ކަމަށާއި، އަދި ޓެކްސީ ފީ ނެގުމުގެ ނިޒާމު މުޅިން "މީޓަރު އުޞޫލަށް" ބަދަލުކުރަންވީ މުހިންމު ވަގުތު ކަމަށްވެސް އެ ޕާޓީން ދެކެއެވެ.
ޑޭމްގެ ފަރާތުން ފާހަގަކުރި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، މަސްވެރިންނާއި ދަނޑުވެރިންނަށް ސަރުކާރުން އެކިކަހަލަ މާލީ ލުއިތަކާއި ސަބްސިޑީތައް ދެމުންދާއިރު، ޓެކްސީ ޑްރައިވަރުންނަށް އެފަދަ އެއްވެސް އެހީއެއް ނުލިބޭތާނގައި، ވެހިކަލްތަކުގެ ސްޕެޔަރ ޕާޓްސްގެ އިމްޕޯޓު ޑިއުޓީ 200 އިންސައްތައަށް ބޮޑުކޮށްފައި އޮތުމެވެ. އެމްޑީޕީން ވަނީ ޑްރައިވަރުންގެ މި ޝަކުވާތަކަށް ފުރިހަމައަށް ތާއީދުކޮށް، އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށާއި، އާންމުންނަށް ދިމާވާ ދަތިތަކަށް ފަރުވާ ހޯދުމަށްޓަކައި ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަޝްވަރާކޮށް އަވަސް ޙައްލެއް ހޯދުމަށް ބާރުއަޅާފައެވެ.
އެމްޑީޕީން ސަރުކާރަށް ޚާއްޞަ އިލްތިމާސެއް ކުރަމުން ގޮވާލާފައިވަނީ، އަމިއްލަ މީހުން ކުރާ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ސީދާ ގޮތެއްގައި ވަދެ ވާދަކުރުން ވަގުތުން ހުއްޓާލުމަށެވެ. އަދި ސަރުކާރުގެ މައިގަނޑު ޒިންމާއަކީ ހަމައެކަނި ޚިދުމަތްތަކާ ގުޅޭ ހަރުދަނާ ސިޔާސަތުތައް އެކުލަވައިލުމާއި، ރެގިއުލޭޓަރެއްގެ ހައިސިއްޔަތުން މަސައްކަތް ބެލެހެއްޓުމާއި، މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށްވާތީ، ސަރުކާރުން ބާރުތައް ހިފެހެއްޓުމުގެ ބަދަލުގައި އެ ރެގިއުލޭޓަރެއްގެ ރޯލުގެ އިމުގެ ތެރެއަށް ރުޖޫޢަވުމަށް އެމްޑީޕީގެ ބަޔާނުގައި ނިންމާލަމުން ގޮވާލާފައިވެއެވެ.
ގުޅުންހުރި

ކައުންސިލްތަކަށް އެހީތެރިވާން އެމްޑީޕީން "އައިއެލްސީ-ޕީޑީއޯ" އޮފީސް ޤާއިމުކޮށް، ޑީޖީއަކަށް ޢަމީރު އައްޔަންކޮށްފި

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާއެކު އެމްޑީޕީން ޙައްލަކަށް ގޮވާލަނީ!

ޕީޖީ ލީޑަރު ނާޒިލް ހިމެނޭހެން އެމްޑީޕީގެ 9 މެންބަރެއްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި




