
ދާއިމީ އިމާމުން ނެތުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދަނީ
# އިސްލާމިކް މިނިސްޓްރީ# އިމާމުން# އިސްލާމް ދީންފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދިވެހިރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުން ވަގުތީ އިމާމުން ތިބެން ޖެހުމާއެކު، މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މަސައްކަތް ފަށައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މި މައްސަލަ ރަށްތަކުގައި ދިމާވެފައިވަނީ މިސްކިތްތަކުގެ ޢަދަދު ގިނަވުމާއި އިމާމުންގެ ވަޒީފާ އަދާކުރެވޭ މިންވަރުގެ ފެންވަރު ހުރި މީހުން ބައެއް ރަށްތަކުގައި މަދުކަމުން ކަން ވަނީ ފާހަގަވެފައިވާކަމަށެވެ.
އަދި މި މައްސަލަ އަށް ޙައްލު ހޯދުމަށްޓަކައި އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ދާއިރާއަށް ޝައުޤުވެރިވާ ކުދިންނަށް އިތުރަށް ވަޒީފާގެ ފުރުޞަތު ފަހި ކުރުމާއި، އިމާމުކަމުގެ ކޯހެއް ނުވަތަ އެއާ ގުޅުން ހުރި ކޯހެއް ނެތް ފަރާތްތަކަށް، ވުޒާރާއިން ކަނޑާއަޅާ މިންވަރުގެ މުޤައްރަރެއް ކަނޑައަޅައި އާއްމުކޮށް އޭގެ ދަށުން ކޮންމެ އަހަރަކު އިމާމު ކަމާ ގުޅޭ އާއްމު އިމްތިޙާނެއް ތަޢާރަފްކޮށް އިމާމްކަންކުރުމުގެ ހުއްދައެއް ތަޢާރަފް ކުރުމަށް ވުޒާރާއިން މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި މިކަމާއި ގުޅުން ހުރި އެހެނިހެން އިދާރާތަކާ މަޝްވާރާކުރުމަށް ފަހު މިކަމުގައި ކުރިއަށް ދާނެ ގޮތް ވަރަށް އަވަހަށް އިޢުލާން ކުރައްވާނެކަން ވަޒީރު ވަނީ ހާމަ ކުރައްވާފައެވެ.
ވުޒާރާއިން މިކަމަށް މަސައްކަތް ފަށާފައި މިވަނީ މިވަގުތުވެސް ރާއްޖޭގެ 69 މިސްކިތެއްގައި ދާއިމީ އިމާމުން ނެތުމާއި، މިހާރު ކުރިއަށްދާ މިސްކިތްތަކާއި، އިސްލާމީ މަރުކަޒުތައް ބިނާ ކުރުމުގެ މަޝްރޫޢުތައް ނިމުމާއެކު، ދާއިމީ އިމާމުންގެ ދަތިކަން އިތުރަށް ކުރިމަތިވާނެކަމަށް އަންދާޒާ ކުރެވޭތީއާއެކުގައެވެ.
ވުޒާރާއިން މިހާރު 45 މިސްކިތަކާއި، 12 އިސްލާމީ މަރުކަޒެއްގެ މަސައްކަތް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި 623 މިސްކިތް ހުރި އިރު، ދާއިމީ އިމާމުންގެ އަދަދަކީ 569 އެވެ. އަދި ދާއިމީ އިމާމުން ހަމަޖެހިފައިވާ މިސްކިތްތަކުގެ އަދަދަކީ 554 އެވެ.
މިވަގުތު 69 މިސްކިތެއްގައި ދާއިމީ އިމާމުން ނެތް އިރު 15 މިސްކިތެއްގައި ދެ އިމާމުން އިމާމުކަން ކުރާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި

ޙާފިޡުކަމުގެ ސަނަދު އެންމެ މަތީ ދަރަޖައިގައި ޙާސިލްކުރި ފާޠިމަތުގެ އަގު ވަޒީރު ޑރ. ޝަހީމް ވަޒަންކުރައްވައިފި

ދާއިމީ އިމާމުން ނެތުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދަނީ

ޙާފިޒުން އިމްތިޙާނުކުރާ ކޮމިޓީތައް އިތުރަނީ




