
ކޯހެއްގެ ފާހެއް ނެތަސް އިމްތިޙާނަކުން ފާސްވެގެން އިމާމުކަން ކުރެވޭ އައު ނިޒާމެއް ތައާރަފްކުރަން މަޝްވަރާކުރަނީ
# އިސްލާމިކް މިނިސްޓްރީ-
ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުންނާއި، ވަގުތީ އިމާމުންގެ މައްޗަށް ބަރޯސާވާންޖެހޭ މައްސަލައަށް އަވަސް އަދި ދާއިމީ ޙައްލެއް ހޯދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ޚާއްޞަ މަސައްކަތްތަކެއް ފަށައިފިއެވެ.

މިނިސްޓްރީން ފާހަގަކުރާ ގޮތުގައި، ރަށްރަށުގައި މިސްކިތްތަކުގެ ޢަދަދު ދުވަހުން ދުވަހަށް ގިނަވަމުންދާއިރު، އިމާމުކަމުގެ ވަޒީފާ އަދާކުރެވޭ ފެންވަރުގެ ޝަރުތު ހަމަވާ މީހުން ބައެއް ރަށްރަށުން ލިބުން ވަނީ ނުހަނު ބޮޑު ގޮންޖެހުމަކަށް ވެފައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، މި މައްސަލައަށް ޢަމަލީ ޙައްލެއް ހޯދުމަށްޓަކައި އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން އިމާމުކަމުގެ ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް މިނިސްޓްރީން ދަނީ ރާވަމުންނެވެ. މީގެ އިތުރުން، އިމާމުކަމުގެ ރަސްމީ ކޯހެއް ނުވަތަ އެއާ ގުޅުންހުރި ސަނަދެއް ނެތް ނަމަވެސް، އެ ޤާބިލުކަން ހުރި ފަރާތްތަކަށް ފުރުޞަތު ދިނުމަށްޓަކައި މިނިސްޓްރީން ޚާއްޞަ މުޤައްރަރެއް އެކުލަވާލައި ޢާއްމުކުރުމަށް ވަނީ ނިންމާފައެވެ.
މި ސިޔާސަތުގެ ދަށުން، ކޮންމެ އަހަރަކު އެއްފަހަރު އިމާމުކަމާ ގުޅޭ ޢާއްމު ޤައުމީ އިމްތިޙާނެއް ބޭއްވުމަށާއި، އެ އިމްތިޙާނުން ފާސްވާ ފަރާތްތަކަށް ރަސްމީކޮށް އިމާމުކަން ކުރުމުގެ ޚާއްޞަ ހުއްދައެއް ދޫކުރުމުގެ އައު ނިޒާމެއް ތަޢާރަފް ކުރުމަށް މިނިސްޓްރީން މިހާރު ދަނީ މަޝްވަރާކުރަމުންނެވެ.
މި ބަދަލާއެކު ރަށްރަށުގެ މިސްކިތްތަކަށް ދިމާވެފައިވާ އިމާމުންގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ދީނީ ކަންކަމަށް ޒުވާނުން ނެރުމަށް ބޮޑު ބާރަކަށް ވާނެއެވެ.
މި މުހިންމު ނިޒާމު ރާއްޖޭގައި ތަންފީޒުކުރަން ފެށުމުގެ ކުރިން، ކަމާގުޅުންހުރި އެހެނިހެން ދައުލަތުގެ އިދާރާތަކާއެކު ކުރަންޖެހޭ ފަންނީ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. އަދި އެ އިދާރާތަކުގެ ލަފަޔާ އެކު، މިކަމުގައި ކުރިއަށްދާނެ އެންމެ ފަހުގެ އިޖުރާއަތްތަކާއި އުސޫލުތައް ވަރަށް އަވަހަށް ރަސްމީކޮށް އިޢުލާން ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް އިސްލާމިކް މިނިސްޓަރު ވަނީ އަރުވާފައެވެ.
ގުޅުންހުރި

ޙާފިޒުން އިމްތިޙާނުކުރާ ކޮމިޓީތައް އިތުރަނީ

ކޯހެއްގެ ފާހެއް ނެތަސް އިމްތިޙާނަކުން ފާސްވެގެން އިމާމުކަން ކުރެވޭ އައު ނިޒާމެއް ތައާރަފްކުރަން މަޝްވަރާކުރަނީ

ހަދީޘް ހިތުދަސްކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި




