
ވޯލްޑްކަޕް: ކޮންގޯ އިން ޕޯޗުގަލް މޮޅުވިޔަނުދީ ހިފަހައްޓައިފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ފީފާ ވޯލްޑްކަޕް 2026ޕޯޗުގަލް އާއި ކޮންގޯ ވާދަކުރި މެޗުގެ ތެރެއިން..
ފީފާ ވޯލްޑްކަޕް ގުރޫޕް ކޭގައި މިރޭ ޕޯޗުގަލް އާއި ކޮންގޯ ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޕޯޗުގަލް އިން މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ފުރަތަމަ ހާފުގެ ހަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕީއެސްޖީ މިޑްފިލްޑްރު ޖޮއާއު ނެވޭސް އެވެ.
މިއީ އެޓީމުގެ ޗެލްސި ފޯވާޑް ޕެޑްރޯ ނެޓޯ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ނަމަވެސް މިލަނޑަށްފަހު ފުރަތަމަ ހާފުގައި ކޮންގޯގެ ގޯލާއި އަމާޒުކޮށް ޕޯޗުގަލް ޓީމަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.
ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ކޮންގޯ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕްރެމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑަށް ކުޅޭ ހުނަރުވެރި ފޯވާޑް ޔޯއަން ވިސާއެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޕޯޗުގަލް އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިދިކޮޅު ޓީމުގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ. އަދި މިމެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފުލްކޮށް ކުޅެފައިވާއިރު، މިއީ ރޮނާލްޑޯ ކުޅުނު ހަވަނަ ވޯލްޑްކަޕެވެ. އަދި ވޯލްޑްކަޕްގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް ރޮނާލްޑޯއަށް ލަނޑެއް ކާމިޔާބުކުރެވިފައެެއް ނުވެއެވެ.
މުބާރާތުގައި ޕޯޗުގަލް ޓީމަށް ކުރިއަށް އޮތީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ އުޒުބަކިސްތާނާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި އެރޭ ކޮންގޯ އިން ނުކުންނާނީ ކޮލަމްބިއާ އާއި ދެކޮށެވެ.
ގުޅުންހުރި

ވޯލްޑްކަޕް: ކޮންގޯ އިން ޕޯޗުގަލް މޮޅުވިޔަނުދީ ހިފަހައްޓައިފި

ވޯލްޑްކަޕް: މެސީގެ ހެޓްރިކާއެކު ޗެމްޕިއަން އާޖެންޓީނާ އިން އަލްޖީރިއާ ބަލިކޮށްފި

ވޯލްޑްކަޕް: އެމްބާޕޭގެ ދެލަނޑާއެކު ސެނަގާލް ބަލިކޮށް ފްރާންސް އިން ފެށުން ރަނގަޅުކޮށްފި




