
-
އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވުޒާރާއިން ކުރިއަށްގެންދާ ހަދީޘް ހިތުދަސްކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމީ ދީނުގެ މުހިންމު އަސާސްތަކާއި އަޚުލާޤީ މިންގަނޑުތައް އެކުލެވިގެންވާ މަޝްހޫރު "އިމާމް އައްނަވީގެ 40 ޙަދީޘް" (الأربعون النووية) ހިތުދަސްކޮށްދިނުމަށް ހިންގާ މި ޕްރޮގްރާމަކީ މިނިސްޓްރީގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ވަރަށް މުހިންމު ހަރަކާތެކެވެ.
މި ޕްރޮގްރާމް ޚާއްޞަކޮށްފައިވަނީ އުމުރުން 6 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭ ގޮތަށް ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ. ޖުމްލަ 2 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ރޭވިފައިވާ މި ތަމްރީނު ޕްރޮގްރާމުގައި، ބައިވެރިންނަށް ފަސޭހައިން ޙަދީޘްތައް ދަސްކުރެވޭނެ އުސޫލުތަކާއި، ޙަދީޘްތަކުގެ މާނައާއި އޭގެއިން ލިބިދޭ މުހިންމު ފިލާވަޅުތައް ދީނީ ޢިލްމުވެރިންގެ އެހީތެރިކަމާއެކު އޮޅުންފިލުވައިދެވޭނެއެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރާ ގޮތުގައި، މި ބަރަކާތްތެރި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މި މަހުގެ 30 ވާ އަންގާރަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން، މިނިސްޓްރީން އާންމުކޮށްފައިވާ ރަސްމީ ޕޯސްޓަރުގައިވާ ކިއުއާރް (QR) ކޯޑު ފޯނުން ސްކޭންކޮށްލުމުން ފަސޭހަކަމާއެކު ބައިވެރިވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އޭގެ އިތުރުން، އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވުޒާރާގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޚާއްޞަ ލިންކު މެދުވެރިކޮށްވެސް ފަސޭހަކަމާއެކު މި މުބާރާތުގައި ރަޖިސްޓްރީވެ، ފޯމު ފުރިހަމަ ކޮށްލެވޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ގުޅުންހުރި

ހަދީޘް ހިތުދަސްކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހުޅުދޫ ކައުންސިލާ ވަޒީރު ޑރ. ޝަހީމް ބައްދަލުކުރައްވައި އިސްލާމީ ދާއިރާއިން ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ގަން މިސްކިތް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި




