logoEN
WAMCO TOP 1
ވެޓް މާރުކޭޓަށް ފައިސާއާއި ކޮންޓްރެކްޓަރު ހަމަޖެހިފައި އޮންނަތާ 4 މަސް ވެއްޖެ، ސިޓީ ކައުންސިލުން ދަނީ ބިން ނުދީ މަޝްރޫޢަށް ހުރަސްއަޅަމުން - ރައީސް

ވެޓް މާރުކޭޓަށް ފައިސާއާއި ކޮންޓްރެކްޓަރު ހަމަޖެހިފައި އޮންނަތާ 4 މަސް ވެއްޖެ، ސިޓީ ކައުންސިލުން ދަނީ ބިން ނުދީ މަޝްރޫޢަށް ހުރަސްއަޅަމުން - ރައީސް

އަހުމަދު ޝުރާއު

logo

6/21/2026, 9:13:13 AM

# ރައީސް މުއިއްޒު

-

މާލޭގައި ސަރުކާރުން ތަރައްޤީކުރުމަށް ނިންމާފައިވާ ބޮޑު މާރުކޭޓް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ބިން ހަވާލުނުކޮށް، މާލެ ސިޓީ ކައުންސިލުން އެ މަޝްރޫޢަށް ގަސްތުގައި ހުރަސްއަޅަމުންދާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

THE TRAVELLER AD

ރައީސް މިކަން ހާމަކުރެއްވީ ސަރުކާރުން އަލަށް ފެށި "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ ދެވަނަ އެޕިސޯޑުގައި، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މާލެއަކީ ރާއްޖޭގައި އެންމެ ގިނަ މަސްވެރިންނާއި މަސްވެރިކަމުގެ ދާއިރާގެ ހިއްސާދާރުން އުޅޭ އެއް ސަރަޙައްދު ކަމަށްވާއިރު، މިހާރު ހުރި މަސް މާރުކޭޓުގެ ޙާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށެވެ. އެތަނުގެ ޙާލަތު ޒަމާނީ ފެންވަރަށް ބަދަލުކުރުމަށްޓަކައި ސަރުކާރުން ބޮޑު މަޝްރޫޢުޢެއް ރާވައި، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް އެކަމަށް ބޭނުންވާ ފައިސާ ހަމަޖައްސައި، މިނިސްޓްރީން ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުކުރިތާ 4 މަސް ދުވަސް ވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް، މިހާތަނަށް އަމަލީ އެއްވެސް މަސައްކަތެއް ނުފެށި ލަސްވަނީ ސިޓީ ކައުންސިލުން އެކި ބަހަނާތައް ދައްކައި ބިން ހަވާލުނުކުރާތީ ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.

ސަރުކާރުން 126.34 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކުރާ މި އައު މާރުކޭޓް ކޮމްޕްލެކްސްއަކީ 95,000 އަށްވުރެ ބޮޑު އޭރިއާއެއްގައި ބިނާކުރާ 6 ފަންގިފިލާގެ ޒަމާނީ ފެސިލިޓީއެކެވެ. މި މަޝްރޫޢުގެ ދަށުން މާލޭގައި މިހާރު ވަކިވަކިން ހިންގަމުން އަންނަ މަސް މާރުކޭޓާއި، ލޯކަލް މާރުކޭޓުގެ އިތުރުން ދަތުރުވެރިންގެ މާރުކޭޓުވެސް އެއް ފުރާޅެއްގެ ދަށަށް ބަދަލުކުރެވޭނެއެވެ.

މުޅި އިމާރާތުގައި ތަކެތި ވިއްކުމަށް ޖުމުލަ 455 ޒަމާނީ ކިއޮސްކް ހިމެނޭއިރު، މިއީ މާލޭގެ ބާޒާރުމަތީ ސަރަޙައްދުގެ ތޮއްޖެހުން ކުޑަކޮށް، އެ ސަރަޙައްދުގެ މަލަމަތި މުޅިން ބަދަލުކޮށްލާނެ މުހިންމު މަޝްރޫޢެކެވެ.

ސިޓީ ކައުންސިލުން މިކަމަށް އެދެވޭ އިޖާބައެއް ނުދިން ނަމަވެސް، ސަރުކާރުން މިކަމަށް ޤާނޫނީ އަދި އިދާރީ ޙައްލެއް ގެނެސްގެން ވިޔަސް މަސައްކަތް ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޢިއްޒު ދެއްވިއެވެ.

ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދުމަށް ހުރަސްއަޅައިގެން އެއްވެސް ފަރާތަކަށް ލިބޭނެ ފައިދާއެއް ނޯންނާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިހާރު އެ ސަރަހައްދުގައި ހިންގާ ވިޔަފާރިތަކަށް ވަގުތީ ގޮތުން ބަދަލުވާނެ އެހެން ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC