.jpg&w=3840&q=75)
"ބޯހިޔާވަހިކަން އެންމެނަށް": ބައިލައްކައަށްވުރެ ގިނަ ފޯމުގެ ކްރޮސް ވެރިފިކޭޝަން މަސައްކަތް ފަށައިފި
# ހައުސިންގ މިނިސްޓްރީ-
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށައަޅާފައިވާ ފަރާތްތަކުގެ ފޯމުތައް ޔަޤީންކުރުމަށްޓަކައި ކުރަންޖެހޭ "ކްރޮސް ވެރިފިކޭޝަން" ގެ ބޮޑު މަސައްކަތް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ރަސްމީކޮށް ފަށައިފިއެވެ.

ބޯހިޔާވަހިކަން އެންމެނަށް ކަށަވަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވަޢުދުފުޅަށް ވާއިރު، މި މަޝްރޫޢުގެ ދަށުން ޢިމާރާތްތަކުގެ ޢަމަލީ މަސައްކަތް ފެށުމުގެ މާކުރިން މިނިސްޓްރީން ވަނީ އިދާރީ ހުރިހާ ތައްޔާރީތަކެއް ފައްޓަވާފައެވެ.
މި ހިނގާ ޖޫން މަހުގެ 15 ވަނަ ދުވަހާ ހަމައަށް ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު، ޖުމްލަ ބައިލައްކައަށްވުރެ ގިނަ މީހުން ވަނީ ގޯއްޗަށާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށައަޅާފައެވެ. މިއަހަރުގެ ޖެނުވަރީ މަހުގެ 18 ވަނަ ދުވަހު މި ފުރުޞަތު ހުޅުވާލީ ކުރިން ޤާއިމުކޮށްފައިވާ ޕޯޓަލް އިތުރަށް ހަރުދަނާކޮށް، އެކި ދާއިރާތަކުން ރައްޔިތުންގެ ވިންދާއި އެއްގޮތަށް ގެދޮރުވެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ފަސޭހައިން ފުރުޞަތު ލިބޭނެހެން އުސޫލުތަކަށް ބަދަލު ގެނައުމަށްފަހުއެވެ.
މުއްދަތު ހަމަވީއިރު ފްލެޓަށް އެދި 35،900 އަށްވުރެ ގިނަ އެޕްލިކޭޝަން އަދި ގޯއްޗަށް އެދި 22،000 އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ހުށައަޅާފައެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، ހުށަހަޅާފައިވާ ފޯމުތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. ކްރޮސް ވެރިފިކޭޝަންގެ މަރުޙަލާއަކީ ފޯމުތަކުގައި ރައްޔިތުން ހުށައަޅާފައިވާ މަޢުލޫމާތުތައް، ދައުލަތުގެ އެކި އިދާރާތަކުގައި ލިބެން ހުރި ރަސްމީ މަޢުލޫމާތުތަކާ އަޅާކިޔައި ސައްހަކަން ޔަޤީންކުރުމެވެ. އެގޮތުން މާލޭގައި ދިރިއުޅުނު މުއްދަތާއި އާއިލީ ހާލަތު ފަދަ މުހިންމު ކަންކަން މި މަރުޙަލާގައި ބަލައި ޔަޤީންކުރާނެއެވެ. ޖުމްލަ ފޯމުގެ އަދަދު ބައިލައްކައަށްވުރެ ގިނަވުމުން، މި ހުރިހާ ފޯމެއް ވަކިވަކިން ބަލައި ނިންމުމަށް އެކަށީގެންވާ ވަގުތެއް ނަގާނެކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، ހައުސިންގ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން އިދާރީ މަސައްކަތްތައް ދުރާލާ ފެށީ، ވަގުތު ހޯދައިގެން ފޯމުތައް ބެލުމުގެ ކަންކަން އެންމެ އިންސާފުވެރިކޮށް އަދި އެންމެ ފުރިހަމައަށް ކުރުމުގެ ބޭނުމުގައެވެ. މީގެކުރީގެ ސަރުކާރުތަކުން ދައުރު ހަމަވާން ކައިރިވުމުން ބޯހިޔާވަހިކަމަށް ހުޅުވާލުމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުމާއި ޝަކުވާތައް އިތުރުވެ، ދެން އަންނަ ސަރުކާރަކަށް އެކަން ބޮޑު ތަކުލީފަކަށް ވެފައި އޮތް ނަމަވެސް، މިފަހަރު އެކަން ތަކުރާރު ނުވާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މިއަހަރުގެ ތެރޭގައި ގިނަ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށި، ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިމުމުން، އާންމުންނަށް ވަގުތުން އެތަންތަނަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ދަނީ ރޭވުންތެރިކަމާއެކު މަސައްކަތް ކުރަމުންނެވެ.
ގުޅުންހުރި
.jpg&w=3840&q=75)
"ބޯހިޔާވަހިކަން އެންމެނަށް": ބައިލައްކައަށްވުރެ ގިނަ ފޯމުގެ ކްރޮސް ވެރިފިކޭޝަން މަސައްކަތް ފަށައިފި

ހައުސިންގ މިނިސްޓްރީގެ ބަސް: ސިޓީ ކައުންސިލުން އިސްކުރަނީ ސިޔާސީ މަސްލަހަތު، ވެޓް މާކެޓް މަޝްރޫޢު ހުއްޓިފައި އޮތީ ބިން ނުދީގެން!

ޢިމާރާތްކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން 2 ދުވަހުގެ ޕްރޮގްރާމެއް ފަށައިފި




