logoEN
WAMCO TOP 1
ހައުސިންގ މިނިސްޓްރީގެ ބަސް: ސިޓީ ކައުންސިލުން އިސްކުރަނީ ސިޔާސީ މަސްލަހަތު، ވެޓް މާކެޓް މަޝްރޫޢު ހުއްޓިފައި އޮތީ ބިން ނުދީގެން!

ހައުސިންގ މިނިސްޓްރީގެ ބަސް: ސިޓީ ކައުންސިލުން އިސްކުރަނީ ސިޔާސީ މަސްލަހަތު، ވެޓް މާކެޓް މަޝްރޫޢު ހުއްޓިފައި އޮތީ ބިން ނުދީގެން!

އަހުމަދު ޝުރާއު

logo

6/21/2026, 2:28:55 PM

# ހައުސިންގ މިނިސްޓްރީ

-

މާލޭގެ ވެޓް މާކެޓް ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން އާންމުންނަށް އޮޅޭގޮތަށް ވާހަކަ ފަތުރަމުންދާތީ، އެކަމުގެ ޙަޤީޤަތް ސާފުކޮށްދީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ރަސްމީ ބަޔާނެއް ނެރެފިއެވެ.

THE TRAVELLER AD

މާލޭގެ މާރުކޭޓުތަކުގެ އިންފްރާސްޓްރަކްޗަރ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް "ޓްރަސްޓެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް" އާ ހަވާލުކޮށްފައިވާ މުހިންމު މަސައްކަތެކެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި، މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ސައިޓް ހަވާލުކުރުމަށްޓަކައި ބިން ދިނުމަށް އެދި މާރޗް 29، 2026 ގައި ތަފްސީލީ ކުރެހުންތަކާއެކު ސިޓީ ކައުންސިލަށް ފުރަތަމަ ހުށަހެޅިއެވެ. އޭގެ ފަހުން އެއްވެސް ޖަވާބެއް ނުލިބުމުގެ ސަބަބުން، މިނިސްޓްރީން ވަނީ އޭޕްރީލް 12، މެއި 3، އަދި މެއި 18 ގައި ތަކުރާރުކޮށް ސިޓީތައް ފޮނުވައި، ބިން ހަވާލުކޮށްދިނުމަށް ޖުމްލަ ހަތަރު ފަހަރު އެދިފައެވެ. ނަމަވެސް، ކައުންސިލުން އެ މުއްދަތުތަކުގައި ބިން ހަވާލުނުކޮށް، އެންމެ ފަހުން ބިން ހަވާލުކުރެވެން ނެތް ކަމަށް ބުނެ ރަސްމީކޮށް އަންގާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސިޓީ ކައުންސިލުން ބިން ހަވާލުނުކުރާ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، 2023 ވަނަ އަހަރު "ހައިރު އިންޖިނިއަރިންގ ކޮންސަލްޓަންސީ" އާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މަސްމާރުކޭޓު ސަރަހައްދު ތަރައްޤީކުރުން އެ ކުންފުންޏާ ހަވާލުކޮށްފައި އޮތުމެވެ. އެހެންނަމަވެސް، ހައުސިންގ މިނިސްޓްރީން ވަނީ ކައުންސިލްގެ މި ބަހަނާ ދޮގުކޮށްފައެވެ.

މިނިސްޓްރީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެއްވެސް ބަދަލަކާ ނުލައި އެ އެއްބަސްވުން ބާތިލުކުރުމަށް ހައިރު އިންޖިނިއަރިންގްއިން ކައުންސިލަށް ސިޓީ ފޮނުވާފައިވީ ނަމަވެސް، މިއަދާ ހަމައަށްވެސް އެ އެއްބަސްވުން އުވާލުމުގެ މަސައްކަތް ކައުންސިލުން ކޮށްފައެއް ނުވެއެވެ. އަދި އެ ކުންފުނިން ވަގުތީ ގޮޅިތަކެއް ހެދުން ފިޔަވައި އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީ، އެއްބަސްވުން ބާތިލުކުރުމުގައި އެއްވެސް ހުރަހެއް އޮތް ކަމަށް ސަރުކާރުން ނުދެކެއެވެ.

ހައުސިންގ މިނިސްޓްރީން ބުނި ގޮތުގައި، މާލެ ސިޓީ ކައުންސިލުން މިއަދާ ހަމައަށްވެސް ބިން ހަވާލުނުކޮށް ހިފަހައްޓަމުންދަނީ އާންމު ރައްޔިތުންގެ ލާބައާއި މަންފާއަށްވުރެ ބޮޑަށް ސިޔާސީ މަސްލަހަތު އިސްކޮށްގެންނެވެ. 600 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫޢަކީ މާލޭގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މަސައްކަތަކަށް ވާއިރު، ކައުންސިލްގެ މި ޢަމަލުގެ ސަބަބުން މަޝްރޫޢު ލަސްވާ ކޮންމެ ދުވަހަކީ އޭގެ އަގު ބޮޑުވެ، ރައްޔިތުން ޚިދުމަތުން މަޙްރޫމްވާނެ ކަމެއް ކަމަށް މިނިސްޓްރީން ބަޔާންކުރެއެވެ.

ސަރުކާރުން މި މަޝްރޫޢު ކުރިއަށްގެންދަނީ ކައުންސިލުން ޕްލޭންކުރި ޑިޒައިނާ އެއްގޮތަށް ކަމަށްވިޔަސް، ކައުންސިލުން ހުރަސްއަޅަމުންދާތީ ރައްޔިތުންގެ ޙައްޤުގައި ސަރުކާރުން މިކަމަށް އަވަސް ޙައްލެއް ހޯދާނެ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ޔަޤީންކަން ދީފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC