
އެކަކު އަނެކަކަށް އަޅާލާ، އޯގާތެރި މުޖުތަމައެއް ބިނާކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއް - ގީލާ
# ހެލްތު މިނިސްޓްރީ-
ދިވެހިރާއްޖޭގައި ދިރިއުޅޭ އާއިލާތަކުގެ ގުޅުންތައް ބަދަހިކޮށް، އެކަކު އަނެކަކަށް އަޅާލާ، އޯގާތެރި މުޖުތަމައެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށް ޞިއްޙަތާއި، ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ގީލާ ޢަލީ ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދާޅުވީ ކުޑަކުދިންނާއި އަންހެނުންނަށް އާއިލީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގުޅޭ ދިރާސާ ރިޕޯޓްގެ އަލީގައި ތައްޔާރުކުރެވުނު "ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާޙުކުރުމަށް މީރުމާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިއަދު ފެށިގެން މިދިޔަ މަސައްކަތަކީ އާއިލީ ގުޅުންތައް ވަރުގަދަކުރުމަށާއި، ކުޑަކުދިންގެ ޙައްޤުތައް އެންމެ ފުރިހަމައަށް ރައްކާތެރިކޮށްދިނުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ދިވެހި ސަރުކާރުން ގެންގުޅުއްވާ ޚާއްޞަ ތަޞައްވުރު ރަމްޒުކޮށްދޭ ކަމެއްކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވިގޮތުގައި، ސަރުކާރުގެ މި ބޮޑު ތަޞައްވުރު މުޅިން ބިނާވެފައިވަނީ ބަދަހި މުޖުތަމައެއްގެ އަސްލު ބިންގަލަކީ ބަދަހި އާއިލާތައް ކަމަށް ޤަބޫލުކުރުމުގެ މައްޗަށެވެ.
މި މުހިންމު ނުކުތާއަށް އަލިއަޅުއްވާލައްވަމުން ވަޒީރު ގީލާ ޢަލީ އިތުރަށް ވިދާޅުވީ، ކޮންމެ ކުއްޖަކީވެސް ލޯތްބާއި، ރައްކާތެރިކަމާއި، އެހީތެރިކަން ފުރިހަމައަށް ލިބޭނެ ފަދަ އަމާން މާހައުލެއްގައި ބޮޑުވުމުގެ ޙައްޤު ލިބިގެންވާ ކުއްޖެއް ކަމަށެވެ. އެހެންކަމުން، މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ރާއްޖޭގައި ދިރިއުޅޭ ކޮންމެ ކުއްޖަކީވެސް އާއިލީ ވެއްޓެއްގެ ފުރިހަމަ ހިމާޔަތާއި ލޯތްބާއެކު ބޮޑުވުމުގެ ފުރުޞަތު ލިބިފައިވާ ކުއްޖެއްކަން ކަށަވަރުކޮށް ޔަޤީންކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މިއަދު އިފްތިތާޙުކުރެވުނު ދިރާސާ ރިޕޯޓުގެ ހޯދުންތަކުގެ ސަބަބުން، ރާއްޖޭގައި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ނިޒާމުތައް ކުރިއަށްވުރެ ބޮޑަށް ހަރުދަނާވެގެންދާނެ ކަމަށް ވަޒީރު ބަޔާންކުރެއްވިއެވެ. އަދި އާއިލީ އެކި މައްސަލަތައް މުޖުތަމައުގައި ބޮޑުވެ، ބޮޑު ކާރިސާއަކަށް ބަދަލުވުމުގެ ކުރިން އެކަންކަން ކުރިއާލާ ދެނެގަނެ، އެކަންކަމަށް ދާއިމީ ހައްލެއް އާންމު މުޖުތަމައުގެ ތެރެއިން ހޯދުމަށް ބޭނުންވާ ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު މި ފުޅާ ދިރާސާގެ ސަބަބުން ފަހިވެގެންދާނެކަމަށްވެސް ވަޒީރު ގީލާ ޢަލީގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ގުޅުންހުރި

އެކަކު އަނެކަކަށް އަޅާލާ، އޯގާތެރި މުޖުތަމައެއް ބިނާކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއް - ގީލާ

ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް ފަށައިފި

އޭ.އެސް.އެމް.އެޗްގައި ފުރަތަމަ ފަހަރަށް، ލެޕަރޮސްކޯޕިކް ގައިނަކޮލޮޖިކަލް ސާޖަރީއެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފި




