
-
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމަށާއި، ވޭތުވެދިޔަ 2025 ވަނަ އަހަރު މަސައްކަތާއި ހުނަރުގެ އެކި ދާއިރާތަކުން އެންމެ ފާހަގަކޮށްލެވުނު މުވައްޒަފުންގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި "ސްޓެލްކޯ ސްޓާފް ނައިޓް" ޙަފްލާ ރޭ ވަރަށް ކުލަގަދަކޮށް ބާއްވައިފިއެވެ.

ކުންފުނީގެ ކުރިއެރުމަށް މުވައްޒަފުން ވަމުންދާ ގުރުބާނީތަކާއި، ރައްޔިތުންނަށް މެދުކެނޑުމެއްނެތި ޚިދުމަތް ދިނުމުގައި ދައްކާ ހިތްވަރު ފާހަގަކުރުމަށް ބޭއްވި މި ޙަފްލާގައި 2025 ވަނަ އަހަރުގެ އެކި ދާއިރާތަކުން އެންމެ މަތީ ވަނަތައް ހޯދި މުވައްޒަފުންނަށް ވަނީ ޚާއްޞަ ޝަރަފުގެ އިނާމުތައް ބަހާފައެވެ.
މިދިޔަ އަހަރު ކުންފުނީގެ ހިންގުމުގެ ދާއިރާއިން އެންމެ މޮޅު ނަތީޖާއެއް ދެއްކެވި މެނޭޖަރުން ހޮވިއިރު، ޓެކްނިކަލް ދާއިރާތަކުން 2025 ވަނަ އަހަރުގެ އެންމެ މޮޅު މެނޭޖަރަކަށް ހޮވިފައިވަނީ މާލޭ ޕަވަރ ޖަނަރޭޝަން ޑިޕާޓްމަންޓްގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަރ، ޢަލީ ނަފާޙް މުޙައްމަދު އެވެ. އަދި ނޮން-ޓެކްނިކަލް ދާއިރާތަކުން އެންމެ މޮޅު މެނޭޖަރުގެ ޝަރަފުވެރި އެވޯޑު ހާސިލުކުރީ ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓްގެ ސީނިއަރ މެނޭޖަރ، ސަމީހާ މުސްޠަފާ އެވެ. މީގެ އިތުރުން، އަތޮޅުތެރޭގެ ބްރާންޗްތަކުގެ ތެރެއިން 2025 ވަނަ އަހަރު އެންމެ މޮޅު ސްޓޭޝަން މެނޭޖަރަކަށް ހޮވުނީ ނޯތު ރީޖަނަލް ޑިޕާޓްމަންޓްގެ ދަށުން ހިންގާ ކ. ތުލުސްދޫ ޕަވަރހައުސްގެ ސްޓޭޝަން މެނޭޖަރ، ޙުސައިން އާމިރު އެވެ.
މި ޙަފްލާގެ އެންމެ ޝަރަފުވެރި އެވޯޑުތަކަކީ މުޅި ކުންފުނިން ހުރިހާ ގޮތަކުން އެންމެ މޮޅު މުވައްޒަފުންނަށް ދެވުނު އިނާމުތަކެވެ. އެގޮތުން، 2025 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ޓެކްނިކަލް މުވައްޒަފަކަށް ހޮވުމުގެ ފަޚުރު ހޯދާފައިވަނީ މާލޭ ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓްގެ ޗީފް އިލެކްޓްރިކަލް އިންޖިނިއަރ، ޢަލީ ނިޔާޒް އެވެ. ހަމައެއާއިއެކު، 2025 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ނޮން-ޓެކްނިކަލް މުވައްޒަފަކަށް ހޮވިފައިވަނީ ޕްރޮޖެކްޓްސް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ، ހައްސާމް އަޙްމަދު އެވެ.
ސްޓެލްކޯގެ މެނޭޖްމަންޓުން ހާމަކުރާ ގޮތުގައި، މިފަދަ ސްޓާފް ނައިޓެއް ބޭއްވުމުގެ މައިގަނޑު މަޤުޞަދަކީ މުވައްޒަފުންގެ މެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުން ބަދަހިކޮށް، މަސައްކަތުގެ މާހައުލުގައި ވާދަވެރި އަދި އުފެއްދުންތެރި ރޫހެއް އާލާކުރުމެވެ. ރޭގެ ބައްދަލުވުމުގައި ކުންފުނީގެ އިސްވެރިން ވަނީ ވަނަވަނައަށް ހޮވުނު ހުރިހާ މުވައްޒަފުންނަށް މަރުޙަބާ ދަންނަވައި، ސްޓެލްކޯއިން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގައި ހުރިހާ މުވައްޒަފުންވެސް އެއް ރޫހެއްގައި ސާބިތުވެ ތިބުމަށް އިލްތިމާސްކުރައްވާފައެވެ.
ގުޅުންހުރި

ސްޓެލްކޯގެ އަހަރީ "ސްޓާފް ނައިޓް" ކުލަގަދަކޮށް ބާއްވައި މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް ސްޓެލްކޯއާއި ހަވާލުކޮށްފި

ސްޓެލްކޯގައި 37 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުޙައްމަދު އިބްރާހީމް ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި




