
އެމްޑީޕީގެ ކުރިމަގު ބައްޓަންކުރަން އާންމު މެންބަރުންނަށް ބޮޑު ފުރުޞަތެއް: 23 ދާއިމީ ކޮމިޓީއަކަށް މެންބަރުން ހޮވަނީ!
# އެމްޑީޕީ-
އިދިކޮޅު މައި ޕާޓީ، ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ ހިންގުން އިތުރަށް ވަރުގަދަކުރުމަށާއި، ޕާޓީގެ ސިޔާސަތުތައް އެކުލަވާލުމުގައި އާންމު މެންބަރުންގެ ޚިޔާލާއި ފަންނީ އެހީތެރިކަން ހޯދުމަށްޓަކައި، ޕާޓީގެ ދާއިމީ ކޮމިޓީތަކުގައި މަސައްކަތް ކުރެއްވުމުގެ ޚާއްޞަ ފުރުޞަތު މިއަދުން ފެށިގެން މެންބަރުންނަށް ރަސްމީކޮށް ހުޅުވާލައިފިއެވެ.

ޕާޓީގެ ސެކްރެޓޭރިއަޓުން ހާމަކުރި ގޮތުގައި، މި ފުރުޞަތަކީ ޕާޓީގެ ހަރަކާތްތައް ކުރިއަށްގެންދިއުމުގައާއި ގައުމީ ފެންވަރުގައި ބަހުސްކުރެވޭ މުހިންމު ދާއިރާތަކުން ޕާޓީގެ ކުރިމަގު ބައްޓަންކުރުމަށް މެންބަރުންނަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.
މި އިޢުލާނުގެ ދަށުން، ޕާޓީގެ އެކި ދާއިރާތަކަށް ޚާއްޞަކޮށްގެން ޖުމްލަ 23 ދާއިމީ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. މީގެ ތެރޭގައި ޕާޓީގެ އެތެރޭގެ އިންތިޒާމުތަކާ ބެހޭ ކޮމިޓީތަކުގެ އިތުރުން، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި ޤާނޫނީ ދާއިރާ ފަދަ ޤައުމީ ބޮޑެތި ސިޔާސަތުތަކަށް ފޯކަސްކުރާ ކޮމިޓީތައް ހިމެނެއެވެ. އޭގެ ތެރޭގައި މެންބަރޝިޕް ކޮމިޓީ، އިންތިހާބާ ބެހޭ ކޮމިޓީ، ކެންޕޭން ކޮމިޓީ، މީޑިއާ ކޮމިޓީ، ޤާނޫނީ ކޮމިޓީ، ސިޔާސަތު އެކުލަވާލުމާ ބެހޭ ކޮމިޓީ، ލާމަރުކަޒީ ކޮމިޓީ، މަސްވެރިކަމާ ދަނޑުވެރިކަމާ ބެހޭ ކޮމިޓީ، ޓޫރިޒަމް އާއި ޓްރާންސްޕޯރޓް ކޮމިޓީ، އެންވަޔަރަމްންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ، ގެދޮރާ ބެހޭ ކޮމިޓީ، ސިއްހަތާ އިޖްތިމާއީ ކޮމިޓީ، ތައުލީމާ ބެހޭ ކޮމިޓީ، އަދި ޕާޓީގެ ދިރާސާ ކުރާ ޚާއްޞަ ގުރޫޕު "ތިންކް ޓޭންކް" ހިމެނެއެވެ.
އެމްޑީޕީގެ ދާއިމީ ކޮމިޓީތަކުގައި ބައިވެރިވެ، ޕާޓީއަށާއި ޤައުމަށް ޚިދުމަތް ކުރެއްވުމަށް ޝައުޤުވެރިވާ ޕާޓީގެ އެންމެހައި މެންބަރުންނަށް އެ ބޭފުޅަކު ބޭނުންފުޅުވާ ކޮމިޓީއެއް އިޚްތިޔާރުކުރުމުގެ ފުރުޞަތު މި މަހުގެ 23 ޖޫން 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މި ކޮމިޓީތަކަށް މެންބަރުން ހޮވުމުގައި އެ ބޭފުޅެއްގެ ތައުލީމީ ފެންވަރަށާއި، ދާއިރާގެ ތަޖުރިބާއަށް ބަލައި އިސްކަންދެވޭނެ ކަމަށް ޕާޓީން މަޢުލޫމާތުދެއެވެ.
މިކަމަށް ޝައުޤުވެރިވާ ޕާޓީގެ މެންބަރުން، ފުރުޞަތު ހަމަވުމުގެ ކުރިން ކުރިމަތިލެއްވުމަށް އެމްޑީޕީން ވަނީ އެދިފައެވެ. އެގޮތުން ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން ފުރިހަމަ ނަމާއި، ގުޅޭނެ ފޯނު ނަންބަރުގެ އިތުރުން މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކޮމިޓީގެ ނަން ސާފުކޮށް އެނގޭނެހެން ޖެއްސެވުމަށްފަހު، ޕާޓީގެ ރަސްމީ ސެކްރެޓޭރިއަޓް އީމެއިލް އަށް މެސެޖު ކުރެއްވުމަށް އެމްޑީޕީގެ އިދާރާއިން ވަނީ އެދިފައިއެވެ.
ގުޅުންހުރި

”ބޮޑު ބަދަލު“ އޮފީސް ރަސްމީކޮށް ޤާއިމުކޮށްފި، އިސްވެރިއަކަށް ހަސަން ލަތީފް!

އެމްޑީޕީގެ ކުރިމަގު ބައްޓަންކުރަން އާންމު މެންބަރުންނަށް ބޮޑު ފުރުޞަތެއް: 23 ދާއިމީ ކޮމިޓީއަކަށް މެންބަރުން ހޮވަނީ!

ބޮޑު އަގުލަބިއްޔަތަކުން އެމްޑީޕީގެ ޗެއާޕާސަންއަކަށް ރައީސް ނަޝީދު!




