
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު: ވޯޓު ގުނުން ކުރިޔަށް، މިހާތަނަށް ކުރީގައި އުޅުއްވަނީ ރައީސް ނަޝީދު!
# އެމްޑީޕީރައީސް ނަޝީދު މިއަދުގެ އިންތިހާބުގައި ވޯޓު ލައްވަނީ: ފޮޓޯ / ލޫކަސް ޖަލީލް، އެކްސް
މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން ހޮވުމަށް މިއަދު ބޭއްވި ފޯރިގަދަ އިންތިޚާބުގެ ވޯޓުލުން މިރޭ 09:00 ގައި ނިމުމަކަށް އައުމާއެކު، ވޯޓު ގުނުމުގެ މަސައްކަތް މުޅި ރާއްޖޭގައި ހަލުވިކަމާއެކު މިހާރު ދަނީ ކުރިއަށެވެ.

މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ބެހެއްޓި ވޯޓުފޮށިތައް ބަންދުކޮށް، ފޮށިތައް ކައިރީގައި ވޯޓު ގުނަން ފަށާފައިވާއިރު، މިހާތަނަށް ލިބެމުންދާ ވަގުތީ ނަތީޖާތަކުން އެންމެ ކުރީގައި އުޅުއްވަނީ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.
މިރޭގެ މިހާތަނަށް ގުނައި ނިމިފައިވާ ބައެއް ފޮށިތަކުގެ ވަގުތީ ނަތީޖާތަކަށް ބަލާއިރު، ރައީސް ނަޝީދު ގެންދަވަނީ ބައެއް ފޮށިތަކުން ވަރަށް ބޮޑު ފަރަގަކުން ކުރިހޯއްދަވަމުންނެވެ. އެގޮތުން މިރޭގެ 21:20 ގެ ނިޔަލަށް 44 ވޯޓު ފޮށި ގުނާ ނިމިފައިވާއިރު ރައީސް ނަޝީދަށް އެ 44 ފޮށިން 1547 ވޯޓު ލިބިފައިވާ އިރު މީކާއިލް ނަސީމަށް ލިބިފައިވަނީ 663 ވޯޓެވެ.
މި އިންތިޚާބަކީ އެމްޑީޕީގެ އެތެރޭގެ ހިންގުމާއި މުސްތަޤްބަލާ ގުޅިފައިވާ މުހިންމު އިންތިޚާބަކަށް ވުމުން، ވޯޓުލުން ކުރިއަށްދިޔަ ސްކޫލްތަކުގެ ކައިރިއަށާއި ޕާޓީގެ މަރުކަޒީ ޖަގަހަތަކަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެއްވެފައެވެ.
ޖުމްލަ 241 ވޯޓު ފޮށި (ރާއްޖޭގައި 240 އަދި ލަންކާގައި 1) ބަހައްޓައިގެން ކުރިއަށްގެންދިޔަ މި ވޯޓުލުމުގައި، ޕާޓީގެ ދާއިމީ ވޯޓާސް ލިސްޓުގައި ހިމެނޭ 48,912 މެންބަރުންގެ ތެރެއިން ބޮޑު އިންސައްތައެއްގެ މެންބަރުން ވޯޓުލާން ނިކުމެފައިވާކަން ޕާޓީގެ އޮފިޝަލުން ފާހަގަކުރެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކަކީ އަބަދުވެސް ވަރަށް ވާދަވެރިކޮށް ހިނގާ އިންތިހާބަކަށް ވާއިރު، މިފަހަރުގެ ޗެއަރޕާސަންގެ ރޭހަކީ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވުނު ކުއްލި އިންތިޚާބެކެވެ. ހުރިހާ ފޮށިތަކެއްގެ ވޯޓު ގުނައި ނިމި، ރަސްމީ ވަގުތީ ނަތީޖާ މިރޭ ދަންވަރުގެ ވަގުތެއްގައި އެމްޑީޕީގެ ސެކްރެޓޭރިއަޓުން އިޢުލާނު ކުރާނެ ކަމަށް ބެލެވެއެވެ.
މިހާތަނަށް ނަތީޖާތައް ހުރިގޮތުން ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ދަނީ ކާމިޔާބީ ފާހަގަކުރަން ތައްޔާރުވަމުންނެވެ.
ގުޅުންހުރި

ބޮޑު އަގުލަބިއްޔަތަކުން އެމްޑީޕީގެ ޗެއާޕާސަންއަކަށް ރައީސް ނަޝީދު!

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު: ވޯޓު ގުނުން ކުރިޔަށް، މިހާތަނަށް ކުރީގައި އުޅުއްވަނީ ރައީސް ނަޝީދު!

ފޯރިގަދަ ކެމްޕެއިނަކަށް ފަހު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފެށިގެން ކުރިޔަށް!




