logoEN
WAMCO TOP 1
ވޯލްޑްކަޕް: ބަލެގަންގެ ދެލަނޑާއެކު ޕެރަގުއޭ އަތުން އެމެރިކާއަށް ފަސޭހަ މޮޅެއް

ވޯލްޑްކަޕް: ބަލެގަންގެ ދެލަނޑާއެކު ޕެރަގުއޭ އަތުން އެމެރިކާއަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

6/13/2026, 3:18:13 AM

# ފީފާ ވޯލްޑްކަޕް 2026# ބޭރު ދުނިޔޭގެ ކުޅިވަރު

އެމެރިކާ އާއި ޕެރަގުއޭ ވާދަކުރި މެޗުގެ ތެރެއިން..

މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ގުރޫޕް ބީގައި މިއަދު ހެނދުނު ޕެރަގުއޭ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެމެރިކާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

THE TRAVELLER AD

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އެމެރިކާ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑަކީ ޕެރަގުއޭގެ މިޑްފިލްޑަރު ޑެމިއަން ބޮބާޑިއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި އެމެރިކާގެ ފޯވާޑް ފްލޮރިއަން ބަލެގަން ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

ނަމަވެސް އޭގެ ތިން މިނެޓު ފަހުން ބަލެގަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެމެރިކާގެ ލީޑު ފުޅާކޮށްދީފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުގެ ލީޑު ފުޅާކޮށްދިނީ ވެސް މިމެޗުގައި މޮޅު ކުޅުމެއް ދެއްކި ބަލެގަން އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އެމެރިކާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޕެރަގުއޭ އިން ވަނީ އެޓީމު ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި އެޓީމުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު މައުރީސިއޯ އެވެ.

ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެމެރިކާގެ ޒުވާން މިޑް ފިލްޑަރު ޖިއޮވާނީ ރޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އަލުން ތިން ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ތަފާތުބޮޑު ނަތީޖާއަކުން އެމެރިކާ ކުރީގައި އޮވެގެންނެވެ.

މުބާރާތުގައި އެމެރިކާއަށް ކުރިއަށް އޮތީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 00:00 ގައި އޮސްޓްރޭލިއާ އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި އެދުވަހު ހެނދުނު ރާއްޖެ ގަޑިން 8:00 ގައި ޕެރަގުއޭ އިން ނުކުންނާނީ ތުރުކީ އާއި ދެކޮޅަށެވެ.

ކޮމެންޓް
ފަހުގެ
HDC