
ވޯލްޑްކަޕް: އެމްބާޕޭގެ ދެލަނޑާއެކު ސެނަގާލް ބަލިކޮށް ފްރާންސް އިން ފެށުން ރަނގަޅުކޮށްފި
# ފީފާ ވޯލްޑްކަޕް 2026# ބޭރު ދުނިޔޭގެ ކުޅިވަރުފްރާންސާއި ސެނަގާލް ވާދަކުރި މެޗުގެ ތެރެއިން..
މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ގުރޫޕް އައިގައި ސެނަގާލް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފްރާންސް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ފުރާންސް އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކުރީ ސެނަގާލް އިންނެވެ. އެގޮތުން މިހާފުގައި ސެނަގާލް އިން ފްރާންސްގެ ގޯލަށް ހަ ހަމާލާ ފޮނުވާލި ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ފްރާންސް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 66 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ރެއާލް މެޑްރިޑް ފޯވާޑް ކިލިއަން އެމްބާޕޭ އެވެ.
މިއީ އެޓީމުގެ ބަޔާން މިޔުނިކް ފޯވާޑް މައިކަލް އޮލީސޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ދެމިނެޓް ފަހުން ސެނަގާލްގެ ނިކޮލަަސް ޖެކްސަން ލަނޑެއް ކާމިޔާބުކުރި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ.
ފްރާންސް އިން ލީޑު ފުޅާކުރި ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޒުވާން ފޯވާޑް ބްރެޑްލީ ބާކޯލާއެވެ. އަދި ސެނަގާލް އިން ނަތީޖާގެފަރަގު ކުޑަކުރި ލަނޑު މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގެތެރޭގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އިބްރާހިމް އެބޭއި އެވެ. ނަމަވެސް ޖެހިގެންއައި މިނެޓުގައި އެމްބާޕޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އަލުން ދެލަނޑުގެ ލީޑެއް ހޯދައިދީފައެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގައި ކާމިޔާބުކުރި ދެލަނޑާއެކު ވޯލްޑްކަޕްގައި އެމްބާޕޭ ކާމިޔާބުކުރި ލަނޑުގެ އަދަދު 14 އަށް އެރިއިރު، ފްރާންސް ގައުމީ ޓީމަށް ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 58 އަށް އަރާފައެވެ. މިއާއެކު ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ ޝަރަފް އެމްބާޕޭއަށް ވަނީ ލިބިފައެވެ.
ގުޅުންހުރި

ވޯލްޑްކަޕް: މެސީގެ ހެޓްރިކާއެކު ޗެމްޕިއަން އާޖެންޓީނާ އިން އަލްޖީރިއާ ބަލިކޮށްފި

ވޯލްޑްކަޕް: އެމްބާޕޭގެ ދެލަނޑާއެކު ސެނަގާލް ބަލިކޮށް ފްރާންސް އިން ފެށުން ރަނގަޅުކޮށްފި

ވޯލްޑްކަޕް: ބަލެގަންގެ ދެލަނޑާއެކު ޕެރަގުއޭ އަތުން އެމެރިކާއަށް ފަސޭހަ މޮޅެއް




