logoEN
WAMCO TOP 1
ކޮންގޯ އެބޯލާ ކާރިސާ: ބަލިމީހުން އިތުރުވެ، ތާރީޚުގައިވެސް އެންމެ ގިނަ މީހުން މަރުވި އައުޓްބްރޭކަށް ވުމުގެ ބިރު!

ކޮންގޯ އެބޯލާ ކާރިސާ: ބަލިމީހުން އިތުރުވެ، ތާރީޚުގައިވެސް އެންމެ ގިނަ މީހުން މަރުވި އައުޓްބްރޭކަށް ވުމުގެ ބިރު!

އަހުމަދު ޝުރާއު

logo

6/17/2026, 6:10:12 AM

# ޑީއާރު ކޮންގޯ

-

މޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ އެބޯލާ ބަލީގެ ނުރައްކާ އިތުރުވެ، މިއީ ތާރީޚުގައިވެސް މި ބަލި އެންމެ ނުރައްކާތެރިކޮށް ފެތުރުނު އަދި 11,000 އަށްވުރެ ގިނަ މީހުން މަރުވި އައުޓްބްރޭކަށްވުރެ ވެސް މަރުވާ މީހުންގެ އަދަދު ގިނަވެދާނެ ފަދަ ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ ކަމަށް އެފްރިކާގެ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން އިންޒާރުދީފިއެވެ.

THE TRAVELLER AD

އެގައުމުގެ އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެ ގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 837 އަށް އަރާފައެވެ. އަދި އޭގެ ތެރެއިން 196 މީހަކު މިހާތަނަށް ވަނީ ބަލީގައި މަރުވެފައެވެ.

ބުރުންޑީގައި ބޭއްވުނު އެފްރިކާގެ ލީޑަރުންނާއި ބައިނަލްއަޤުވާމީ އެހީދޭ ޖަމާޢަތްތަކުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެފްރިކާ ސީޑީސީގެ ޑިރެކްޓަރ ޖެނެރަލް ޖީން ކަސެޔާ ވިދާޅުވީ، މި އައުޓްބްރޭކް ވީހާވެސް އަވަހަކަށް ކޮންޓްރޯލް ނުކުރެވިއްޖެނަމަ، މިއީ މީގެކުރިން ވެސްޓް އެފްރިކާގައާއި އިރުމަތީ ޑީއާރު ކޮންގޯގައި ފެތުރުނު ހާލަތަށްވުރެ މާ ނުރައްކާ ބޮޑު ހާލަތަކަށް ބަދަލުވެގެން ހިނގައިދާނެ ކަމަށެވެ. އަދި ބައްޔަށް ހުށަހެޅިފައިވާ ކަމަށް ބެލެވޭ އެތައް ހާސް ބަޔަކު މިހާތަނަށް ހޯދިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޖީން ކަސެޔާ އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވި ގޮތުގައި، ބަލި ކޮންޓްރޯލްކުރުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަލިމީހުންނާ ބައްދަލުވި މީހުން ހޯދުމުގެ މަސައްކަތެވެ. މިހާރުވެސް ބައްޔަށް ހުށަހެޅިފައިވާ ކަމަށް ބެލެވޭ 26,000 އަށްވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، އެމީހުން ތިބި ތަނެއް ނުވަތަ އެމީހުންގެ ފަރާތުން އެހެން ބަޔަކަށް ބަލި ފެތުރެމުންދާކަން ނުވަތަ ނޫންކަން ދެނެގަންނަން އަސްކަރިއްޔާއާއި ސިއްހީ ޓީމުތަކަށް ވަނީ ނުހަނު އުނދަގޫވެފައެވެ.

ރެޑް ކްރޮސްގެ އޮފިޝަލުން ހާމަކުރާ ގޮތުގައި، މި އެޕިޑެމިކް އަދި އޭގެ އެންމެ މަތީ ދަރަޖައަށް ގޮސްފައެއް ނުވެއެވެ. އަދި ބަލި އެއްކޮށް ފޮހެލުމަށްޓަކައި އެއް އަހަރު ދުވަހުގެ މުއްދަތެއް ހޭދަވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެ ޖަމާޢަތުން ބުނެއެވެ.

މި ބަލި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅެމުންދަނީ ބަލިމީހުންނަށް ފަރުވާދޭ ޚާއްޞަ ސެންޓަރުތައް މަދުވުމުގެ އިތުރުން، ހަރުކަށި ސާފުތާހިރުކަމުގެ ފިޔަވަޅުތަކަށް އާންމު މުޖުތަމައުން ދެކޮޅުހަދަމުންދާތީއެވެ. ސިއްހީ މާހިރުން ބުނާގޮތުގައި، ބަލި ފެތުރެން ފެށިތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ބަލީގެ ހަގީގީ ނުރައްކާ އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގައެވެ. ޚާއްޞަކޮށް، އެބޯލާ ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑަކީ މަރުވުމަށްފަހުވެސް ބަލި ފެތުރުމުގެ ފުރުސަތު ނުހަނު ބޮޑު އެއްޗަކަށްވާއިރު، ރައްކާތެރިކަމުގެ ސޫޓު ނުލައި އާއިލާތަކުން ކުރިއަށްގެންދާ ސަގާފީ ޖަނާޒާގެ އާދަކާދަތަކަކީ މި ބަލި ހަލުވިކަމާއެކު މުޖުތަމައުގެ ތެރޭގައި ފެތުރެން ދިމާވާ އެންމެ ބޮޑު ސަބަބެވެ.

ކޮމެންޓް
ފަހުގެ
HDC