
--
ބޮލީވުޑްގެ ރީތި ރަންރީނދޫ ކުލައިގެ ސާޅީއެއްގައި، ވާރޭގެ ތެރޭގައި ކުޅެފައިވާ މަޝްހޫރު ލަވަ "ޓިޕް ޓިޕް ބަރްސާ ޕާނީ" އިން 90 ގެ އަހަރުތަކުގައި މުޅި ސިނަމާ ސިއްސުވާލުމުގެ ކުރިން، އެކްޓްރެސް ރަވީނާ ޓަންޑަންއަށް އިންޑަސްޓްރީން ދީފައިވާ ނަމަކީ "ލިޓްލް މިސް ޖިންކްސް" އެވެ.

ފިލްމީ ދާއިރާގައި 35 އަހަރު ފުރުން ފާހަގަކުރަމުން، ރަވީނާ ވަނީ އޭނާގެ ކެރިއަރުގެ ކުރީކޮޅު އިންޑަސްޓްރީން ކުރި ހަރުކަށިކަމާއި ފާޑުކިޔުންތަކާ ކެރިގެން ކުރިމަތިލީ ގޮތުގެ ވާހަކަ ހިއްސާކޮށްފައެވެ.
ސަލްމާން ޚާންއާއެކު 1991 ގައި ކުޅުނު "ޕައްތަރު ކޭ ޕޫލް" އިން ފިލްމީ ދާއިރާއަށް ނުކުތް ރަވީނާގެ ފުރަތަމަ ފިލްމަށްފަހު، އޭނާ ކުޅުނު ގިނަ ފިލްމުތަކެއް ބޮކްސް އޮފީހުގައި ފްލޮޕްވިއެވެ. އެއާއެކު އޭރުގެ މީޑިއާތަކުން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔައި، އޭނާއަކީ ފިލްމުތައް ފްލޮޕްވާން ދިމާވާ ސަބަބެއް ކަމަށް ބުނެ "ލިޓްލް މިސް ޖިންކްސް" ގެ ނަން ދިނެވެ.
ނަމަވެސް، 1994 ގައި ނުކުތް "މޯހްރާ" ފިލްމަށްފަހު މުޅި މަންޒަރު އެކޮޅުކޮޅުން ޖެހުނެވެ. ފިލްމު ބޮޑު ހިޓަކަށްވެ، ޕްރޮޑިއުސަރުން އޭނާއަކީ "ލަކީ މެސްކޮޓް" އެއްގެ ގޮތުގައި އިއުލާނުކުރިއެވެ. ރަވީނާ ބުނިގޮތުގައި، އެއްރެއަކުން އޭނާގެ ނަސީބު ބަދަލުވެ، ފިލްމުތަކުގެ އެންމެ ސީނެއް ކުޅެދިނުމަށް އެދިވެސް ޕްރޮޑިއުސަރުން އޭނާގެ ފަހަތުން ދުވަން ފެށިއެވެ.
90 ގެ އަހަރުތަކުގައި ބޮލީވުޑްގެ ލީޑް އެކްޓްރެސްއެއްގެ ގޮތުގައި ހުރުމުގެ ހުރަސްތަކާ ބެހޭގޮތުން ވާހަކަދައްކަމުން ރަވީނާ ބުނީ، އޭރު އޮންނަ އުސޫލަކީ އަބަދުވެސް ގްލެމަރަސްކޮށް ހުރުން ކަމަށެވެ. "އޭރު ރޯންޖެހޭ ސީންތަކުގައި ވެސް، ރީތިކޮށް ހުރެގެން ރޯންޖެހެނީ،" ރަވީނާ ކިޔައިދިނެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އޭރު ތަފާތު ރޯލުތައް ކުޅުމުގެ ފުރުސަތު ބޮޑަށް ލިބުނީ އަރޫނާ އިރާނީ އާއި ކިރަން ކޭރް ފަދަ އެކްޓަރުންނަށެވެ.
ރަވީނާގެ އެކްޓިންގް ހުނަރު ބަދަލުކޮށްލި ފިލްމަކީ 1999 ގައި ނުކުތް "ޝޫލް" އެވެ. އެ ފިލްމަށްފަހު އޭނާއަކީ ހަމައެކަނި ރީތި ލަވަތަކެއް ކުޅޭ ތަރިއެއް ނޫންކަމާއި، ސީރިއަސް ރޯލުތައް ކުޅެވޭނެ ބަތަލާއެއްކަން އިންޑަސްޓްރީއަށް ސާބިތުވިއެވެ.
އޭގެފަހުން 2001 ގައި ނުކުތް "ދަމަން" ފިލްމުން އޭނާއަށް ނޭޝަނަލް އެވޯޑް ލިބުނު ނަމަވެސް، ކެރިއަރުގެ އަސްލު ބަދަލަކީ "ޝޫލް" ކަމަށް އޭނާ ގަބޫލުކުރެއެވެ.
35 އަހަރަށްފަހު ވެސް ރަވީނާ މިއަދު އިންޑަސްޓްރީގައި ދެމިހުރީ، ބޮލީވުޑްގެ ހަގީގަތްތައް ހިތްވަރާއެކު ގަބޫލުކޮށްގެންނެވެ.






