
--
އަބަދު ތޮފި އަޅައިގެން އުޅޭ މީހުންނާއި ދިމާލަށް، ތޮފި ނެގުމަށާއި ނޫންނަމަ މާ ބޮޑަށް ތަލަވެދާނެކަމަށް ބުނެ ބައެއް ދޮށީއުމުރުގެ މީހުން ނަސޭހަތްތެރިވެއެވެ. މިއީ ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ އަދި މީގެ ފަހަތުގައި ހަގީގަތެއްވާ ކަމަށް ހީކުރާ ވާހަކައެކެވެ.

ނަމަވެސް، ހަމުގެ ބަލިތަކާ ބެހޭ ސައިންސްވެރިންނާއި ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މިއީ މުޅިން ހަގީގަތެއް ނޫނެވެ. ގިނަ ފަހަރަށް މީހުން ތޮފި އަޅަން ފަށަނީ ބޯއެކި ހިސާބުތަކުން އިސްތަށި މަދުވާން ފެށުމުން އެކަން ފޮރުވުމަށެވެ. އެހެންކަމުން، މީހުންނަށް ހީވަނީ ތަލަވަނީ ތޮފި އެޅުމުގެ ސަބަބުން ކަމަށެވެ.
ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި، ތަލަވުމުން ނުވަތަ އިސްތަށި ފޭބުމުގެ އެންމެ ބޮޑު ސަބަބަކީ އާއިލީ ގޮތުން ވާރުތަކުރާ ޖެނެޓިކްސްއެވެ. އިންސާނާގެ ހަށިގަނޑުގައި އުފެދޭ ހޯމޯނެއް ކަމަށްވާ ޑީ.އެޗް.ޓީ އަށް ބޮލުގެ ހަންގަނޑު ނާޒުކުވުމުން، އިސްތަށި އުފައްދާ ބުޑުތައް ހަލާކުވެ، އިސްތަށިގަނޑު ތުނިވާން މެދުވެރިވެއެވެ.
ނަމަވެސް، މީގެ މާނައަކީ ތޮފި އެޅުމަކީ މުޅިން ރައްކާތެރި ކަމެކޭ ނޫނެވެ.އިސްތަށިގަނޑަށް ގެއްލުންވެދާނެ ފަދަ ގޮތަކަށް ބާރަށް ތޮފި އެޅުމަކީ، އިސްތަށި އުފައްދާ ބުޑުތަކަށް ބާރުބޮޑުވެ، ދުވަސްތަކެއްގެ ފަހުން އިސްތަށި ފައިބަން މެދުވެރިވާނެ ކަމެކެވެ. ތޮފި ނެގުުމުން ނިތްކުރީގައި ނުވަތަ ބޮލުގެ ހަންގަނޑުގައި ރޫތަކެއް ނުވަތަ ފުން ފާހަގައެއް ފާހަގަވާނަމަ، އޭގެ މާނައަކީ ތޮފި އެޅިފައިވަނީ މާ ބާރަށެވެ.
މީގެ އިތުރުން، ތޮފި ހަދާފައިވާ ފޮއްޗާއި ކުލައިގެ ސަބަބުން ވެސް ބޮލުގެ ހަންގަނޑު އެލާޖިކްވެ، އިންފްލެމޭޝަން އުފެދިއްޖެނަމަ ވެސް އިސްތަށިގަނޑު ފައިބަން ފަށާނެއެވެ.
ހަމައެހެންމެ، ތޮފި އަޅައިގެން އުޅޭއިރު ހަށިގަނޑުން ހިއްލާ ދަލަކީ ވެސް މައްސަލައެކެވެ. ދަލުގައި ހުންނަ ލޮނުގެ ސަބަބުން ބޮލުގެ ހަންގަނޑު ކަހާ، ތޮފީގެ ތެރޭގައި ޖަރާސީމު އުފެދި އިސްތަށިގަނޑު ދިރުން ގެއްލެއެވެ.
އެހެންކަމުން، އާންމު ގޮތެއްގައި ތޮފި އެޅުމަކީ ތަލަވާ ކަމެއް ނޫން ނަމަވެސް، ސާފުތާހިރުކަން ކުޑަވުމާއި މާ ބާރަށް ތޮފި އެޅުމަކީ އިސްތަށި ފޭބުން އަވަސްކޮށްދޭ ކަމެކެވެ.






