logoEN
WAMCO TOP 1
މާލޭގެ މުސްތަޤްބަލް ބަދަލުކޮށްލާނެ "ރީތިންކް މާލެ ސިޓީ" މަޝްރޫޢުގެ ތަރައްޤީގެ ޕްލޭން އައު ކައުންސިލަރުންނާ ހިއްސާކޮށްފި

މާލޭގެ މުސްތަޤްބަލް ބަދަލުކޮށްލާނެ "ރީތިންކް މާލެ ސިޓީ" މަޝްރޫޢުގެ ތަރައްޤީގެ ޕްލޭން އައު ކައުންސިލަރުންނާ ހިއްސާކޮށްފި

އަހުމަދު ޝުރާއު

logo

6/15/2026, 11:30:34 AM

# މާލެ ސިޓީ ކައުންސިލް

-

މާލެ ސިޓީ ކައުންސިލުން ޝެރެޓް ސްޓޫޑިއޯ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ "ރީތިންކް މާލެ ސިޓީ" ބިޔަ މަޝްރޫޢުގެ ދަށުން، މާލޭގެ ތަރައްޤީގެ ދުރުރާސްތާ ޕްލޭން އެކުލަވާލުމުގެ މުހިންމު މަސައްކަތްތައް އަލަށް އިންތިހާބުވެވަޑައިގެންނެވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެމްބަރުންނާ ރަސްމީކޮށް ހިއްސާކޮށްފިއެވެ.

THE TRAVELLER AD

މާލޭގެ މުސްތަޤްބަލް ބައްޓަން ކުރުމަށްޓަކައި މީރުމާ ހޮޓަލުގައި ބޭއްވި މި ޚާއްޞަ ސެޝަނުގައި މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމާއި، ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ސިޓީ ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މިއީ ހަމައެކަނި ކައުންސިލުން އެކުލަވާލާ ޕްލޭނެއް ނޫން ކަމަށާއި، މިއީ މާލޭގެ ހުރިހާ ރައްޔިތުންގެ މުސްތަގުބަލާ ސީދާ ގުޅިފައިވާ މަސައްކަތެއް ކަމަށެވެ. ކުޑަކުޑަ މާލޭގެ މަގުތަކުގައި 125,000 އަށްވުރެ ގިނަ އުޅަނދު ދުއްވަމުންދާއިރު، މި ޕްލޭނުގައި ހުށަހެޅިފައިވާ އިސްލާހުތަކަކީ މިހާރުން މިހާރަށްވެސް މާލެއަށް ނުހަނު ބޭނުންތެރި ކަންތައްތަކެއްކަން މޭޔަރު ފާހަގަކުރެއްވިއެވެ. އަދި މި ބޮޑު މަސައްކަތް ކާމިޔާބުކުރުމުގައި ޢާންމު ރައްޔިތުންނާއި އަމިއްލަ މުއައްސަސާތަކުގެ އެއްބާރުލުން ނުހަނު ބޭނުންވާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، މާލެއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ތޮއްޖެހިފައިވާ އަދި ތިމާވެށީގެ ގޮންޖެހުންތައް ބޮޑު އެއް ސިޓީކަން ފާހަގަކުރައްވައި، މިއީ އެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ފަރުމާކުރެވިފައިވާ ފުރިހަމަ މަސައްކަތެއް ކަމަށް ތައުރީފު ކުރެއްވިއެވެ. މި މަޝްރޫއުގެ ދަށުން ކުރިއަށްގެންދިޔަ ސާވޭތަކުގެ ނަތީޖާއަށް ބަލާއިރު، މާލޭގެ ރައްޔިތުން އެންމެ ބޮޑަށް އެދެނީ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ހިތްފަސޭހަ ފެހި މައިދާންތައް އިތުރުކުރުމަށްކަން ރައީސް ނަޝީދު ހާމަކުރެއްވިއެވެ.

މި އިސްތިރާޖީ ޕްލޭން މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ތިމާވެށި، އިގްތިސާދު އަދި އިޖުތިމާޢީ ދާއިރާއާ ގުޅުންހުރި 7 މުހިންމު ތަނބެއްގެ މައްޗަށެވެ. އޭގެ ތެރޭގައި އަމިއްލަ އުޅަނދުތަކަށް ބަރޯސާވުން ކުޑަކޮށް ހިނގާ މީހުންނަށް އިސްކަންދޭ "ދުވެލި ހަލުވި ސިޓީއެއް" ބިނާކުރުމާއި، ގަސް އިންދައި ފެންބޮޑުވުން ހައްލުކުރާ "ހިތްފަސޭހަ ފެހި ސިޓީއެއް" ހެދުމާއި، މީހުން ދިރިއުޅޭ ސަރަހައްދުތަކުން ސިނާއީ މަސައްކަތްތައް ބަދަލުކުރުން ހިމެނެއެވެ. މީގެ އިތުރުން، އިގްތިސާދީ ޒޯންތަކާއެކު "ފާގަތި ސިޓީއެއް" ހެދުމާއި، އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދޭ "އެންމެންގެ ސިޓީއެއް" ބިނާކުރުމާއި، އާސާރީ ބިނާތައް ހިމާޔަތްކުރާ "އަމިއްލަވަންތަކަން ހުރި ސިޓީއެއް" ހެދުމުގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަ "ރައްކާތެރި ސިޓީއެއް" މާލެއިން ފެނިގެންދާނެއެވެ.

ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް ބައްޓަންކުރާ މި ޕްލޭނަށް މަޢުލޫމާތު އެއްކުރުމަށް 2025 އޮކްޓޫބަރުގައި ބޭއްވި ފުރަތަމަ ސެޝަނުގައި 78 ބައިވެރިން އަދި ޑިސެމްބަރުގެ ވޯޓިންގ ސެޝަނުގައި 61 ފަރާތަކުން ޚިޔާލު ދީފައިވާއިރު، އޮންލައިން ސާވޭއަށްވެސް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އިޖާބަދީފައެވެ. މާލޭގެ "އާބަން ސްޓްރެޓެޖީ 2030-2050" އާ ގުޅޭ އިތުރު ތަފްސީލާއި، ލޭންޑް ޔޫސް ޕްލޭންގެ ޗާޓުތައް ބަލާލުމުގެ ފުރުޞަތު މިހާރު ވަނީ ސިޓީ ކައުންސިލްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އާންމުންނަށް ހުޅުވާލާފައެވެ.

ކޮމެންޓް
ފަހުގެ
HDC